ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށްތަކާއި ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުންވެސް ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ބުނެ އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެގޮތަށް ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށް ގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުންދާކަމަށެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ޖޫރިމާނާ ކުރާނެކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

ވެލި ނެގުމަށް ހުއްދަ ދެވިފައިވާ ރަށްރަށުގެ މައުލޫމާތު ރަށު ކައުންސިލްތަކުން ލިބެން ހުންނާނެކަމަށާއި އެކިއެކި ބޭނުންތަކަށް ވެލި ބޭނުންވާ ފަރާތްތަކުން އެ ރަށްރަށުން ވެލި ނަގަމުން ގެންދިޔުމަށްވެސް އީޕީއޭގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ

Next: ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ބޭއްވުމަށްފަހު- ހޯމް މިނިސްޓަރ