ދުނިޔެއަށް ޓަކައި އެއްގަނޑި އިރު ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ “އާތު އަވާ” މިރޭ 8:30 އިން 9:30 އަށް ފާހަގަކުރަން ނިންމާފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް އެންވްޔަރަމަންޓު މިނިސްޓްރީން ބާރު އަޅަނީ އަމިއްލައަށް ދުނިޔެއަށް ޓަކައި ވަގުތުކޮޅެއް ދިނުމަށް އެ އެއްގަޑި އިރު ކަރަންޓު ބޭނުން ނުކުރުމަށެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ކަރަންޓުން އެގަޑީގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އެއްޗެއް ނޫނީ ބޭނުން ނުކުރުމާއި އެވަގުތު ހިނގާފައި އުޅުމަކީ ވަރަށް ބޮޑަށް އެދެވިގެންވާކަމެއްކަމަށެވެ.
އާތް އަވާ ރާއްޖޭގައި ފާހަގަ ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. ދެތިން އަހަރު ވަންދެން ކުލަގަދަކޮށް، ތަފާތު ގޮތް ގޮތަށް އާތް އަވާ ފާހަގަ ކުރި އެވެ. މިގޮތުން އާތުއަވާ ފާހަގަކުރާ ގަޑީގައި އެއް ގަޑި އިރަށް ކަރަންޓު ކަނޑާލުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުންވެސް ހިމެނެއެވެ.
އާތް އަވާ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 ން 9:30 އަށެވެ. މިއަހަރުގެ އާތް އަވާގެ ޝިއާރަކީ “ދުނިޔެއާއި ގުޅުވާލަމާ” އެވެ.
އާތް އަވާ މުޅި ދުނިޔޭގައި ފާހަގަ ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.