“އައްޑޫ މެރަތަން” ގައި ބައިވެރިވާނަންތަ؟ މި އޮތީ ފުރުސަތު ހުޅުވާލާފަ.

“އައިރަނާސް” އިން އިންތިޒާމް ކުރާ އައްޑޫ މެރަތަން އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފިއެވެ.

މިއަހަރުގެ ޖޫންމަހު 29 ވަނަ ދުވަހު ފެށުމަށް ރާވާފައިވާ “އައްޑޫ މެރަތަން” ގައި ބައިވެރިވުމުގެ ފުރުސަތުވަނީ އޭޕްރީލް މަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި މެރަތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ބައިވެރިވެވޭނެއެވެ. އެއީ 5 ކިލޯ މީޓަރު، 10 ކިލޯ މީޓަރު، 21 ކިލޯ މީޓަރު(ހާފްމެރަތަން) އަދި 42 ކިލޯ މީޓަރ(ފުލް މެރަތަން)އެވެ. މީގެ އިތުރަށް “ސީނިއަރ ޕަވަރ ވާރކް” އަދި “ކިޑްސް ސްމައިލް” ގެ ނަމުގައި ހަރަކާތްތަކެއް އޮންނާނެއެވެ.

މިއިން ކޮންމެ ކެޓަގަރީއަކުންވެސް އަންހެން ފިރިހެން ދުވުންތެރުންނަށް ވަކިވަކިން ވާދާކުރެވޭގޮތަށް ވަނީ ރާވާފައެވެ.އަދި އެއްވަނައަށް ދާ ދުވުންތެރިޔަކަށް 7،500ރ.، ދެވަނައަށް 3،750ރ. އަދި ތިން ވަނަ އަށް 2،500ރ. ގެ ފައިސާގެ އިނާމް ދޭގޮތަށްވަނީ ހަމަޖައްސާފައެވެ.

އައިރަނާސްގެ ދުވުމުގެ މިއިވެންޓަށް މިފަހަރު ގެނެސްފައިވާ ބަދަލަކީ ދުވުންތެރިން ތައްޔާރުވުމަށް އެހީ ވުމުގެ ގޮތުން ކުދި އިވެންޓްތަކެއް ކުރިއަށް ގެންދިއުމެވެ. މިގޮތުން އައްޑޫ 5 ކޭ ހުޅުދޫ މީދޫ ރަން، އެކްސްޕްލޯ ކޯޓޭ ކުޑަކުދިންގެ ހަވީރު އަދި ޞިއްޙީގޮތުން ރަގަޅުއާދަ ކާދައާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

މި ފަހަރުގެ ދުވުން ވީހާވެސް ދިވެހިވަންތަ ރަހަ ޖައްސުވާނެކަމަށާއި، ދިވެހި ޘަޤާފަތާއި ގުޅޭގޮތަށް ދުވުންރާވައި ހިންގުމަށް އިސްކަން ދޭނެކަމަށާއި، ދުވުންތެރިންނަށް އެނާޖީ ޑްރިންކްސް ފަދަ ތަކެތި ނުދީ މި ފަހަރު ދޭނީ ކުރުބާކަމަށްވެސް އައި.ރަނާސްގެ ރައީސް ހުސައިން ޝުޖާޢު ވިދާޅުވިއެވެ. އަދި އެޕްރީލް މަހު ރަޖިސްޓްރޭޝަން ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މި އިވެންޓް ވީހާވެސް ރަގަޅަށް ރާވައި ހިންގުންމާއި ދުވުންތެރިންނަށް އެކަށީގެންވާ ވަގުތުދީގެން ތައްޔާރުވުމަށް ފުރުސަތު ދިނުންކަމަށް ޝުޖާ ފާހަގަ ކުރެއްވިއެވެ.

އައި.ރަނާސްގެ “އައްޑޫ މެރަތަން” ދުވުމުގައި ބައިވެރިވުމުގެ ފޯމު ލިބިވަޑައިގަންނަވާނީ www.addumarathon.com

Next: ޓްރީ ޓޮޕް ފެރީގެ ޚިދުމަތް ފަށައިފި