އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު މުޅިން ހުއްޓުމަކަށް ގެނުވައިފިއެވެ.

މިއަދު ހަވީރު 4:30 ގައި އާރޓިފިޝަލް ބީޗުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަޚައްދުން ފެށި މިމުޒާހަރާގައި ބައިވެރިން މަޖީދީމަގަށް ނިކުތުމާއެކު އެމަގުގައި ދުއްވަމުންދިޔަ އުޅަނދުތަކާއި، ހިނގާ މީހުންނަށް ހުރަސްއެޅި ޓްރެފިކްވިއެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅާލުމާ ހަމައަށް، ގާތްގަނޑަކަށް ދެގަޑިއިރަށް މަޖީދީ މަގުގެ އިތުރުން އެމަގާ ގުޅިފައިވާ ހުރިހާ މަގެއްވެއް ހުއްޓުމަކަށް އައިސްފައިވާއިރު، މިއަދަކީ ހުކުރުދުވަހަށް ވެފައި މިއަދު ގިނަ އަދަދެއްގެ އާއިލާތަކުން ހިނގާލުމަށާ ދުއްވާލުމަށް މަގުމައްޗަށް ނިކުމެ އުޅުނެވެ.

މީގެ އިތުރުން މާލޭގެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާއިރު، މަޖީދީ މަގުގައި ހުންނަ ފިހާރަތައްވެސް މުޅިންހެން ހުއްޓުމަކަށް އައިސްފައިވެއެވެ.

ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްދޭ އެމްބިއުލާންސް ދަތުރުކުރަން އޮންނަ މައި މަގަކީވެސް މަޖީދީމަގަށް ވެފައި މިފަދަ ކަންކަމަށްވެސް މުޒާހަރާގެ ސަބަބުން ހުރަސްއެޅުނުކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް މަގުމައްޗަށް ނެރެ، ފޮޓޯ ނެގުމުގެ މަޤްޞަދުގައި ސަލާމަތީ ބާރުތަކާ އެމީހާ ކުރިމަތިލާން ޖެއްސިއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތައްވެސް މަގުމައްޗަށް ނެރެ ހުތުރު ބަހުން މުޢާމަލާތްކުރުމަށް އެފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ހިތްވަރު ދީފައިވެއެވެ.

ހަމަ މިއާއެކު މުޒާހަރާގެ މަންޒަރުތައް ގެނަސްދެން ދިޔަ، ޗެނަލް 13 ގެ ނޫސްވެރިއަކަށްވެސް މުޒާހަރާގެ ބައިވެރިން ފުރައްސާރަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Next: ދިރާގު ފައިބަރ ކަނެކްޝަނާއި ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި