އިދިކޮޅު މުޒާހަރާގެ ބައިވެރިން އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޤާނޫނާ ޚިލާފު ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް 13 ގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހަވީރު ދައުރުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ޗެނަލް ތޭރައިގެ ނޫސްވެރިޔާ ލަޔާލް މަނިކު މުޒާހަރާ ކަވަރުކުރަން އަލިކިލެގެފާނު މަގަށް ދިޔުމުން މުޒާހަރާގެ ބައިވެރިން، ޚާއްސަކޮށް ދެތިން ފިރިހެނަކާ 2 އަންހެނަކު ލަޔާލްގެ ކުރިމައްޗަށް އަރާ، ގެނަސްދެމުންދިޔަ މަޢުލޫމާތަށް ހުރަސްއަޅާ މަންޒަރެވެ.

އަދި ޗެނަލް ތޭރަ ބަންދުކުރުމަށް ގޮވާލާ، އެޗެނަލްއިން ގެނަސްދެނީ “ރައްޔިތުން” ބޭނުންވާ މަޢުލޫމާތު ނޫންކަމަށް މުޒާހަރާގެ ބައިވެރިން ހަޅޭއްލެވިއެވެ.

“އަޅުގަނޑު އެސަރަޚައްދަށް ދިޔުމުން މުޒާހަރާ ވަގުތުން ބަދަލުވެއްޖެ ޗެނަލް 13 އާ ދެކޮޅަށް ކުރާ މުޒާހަރާއަކަށް. ނޫސްވެރިކަމަކީ ކުށެއް ނޫންކަމަށް ގޮވާލަމުންދިޔަ މީހުން، ފެނުނީ ނޫސްވެރިކަމަށް ހުރަސްއަޅާ މަންޒަރު” ޚަބަރު އެމްވީއަށް ލަޔާލް ކިޔައިދިނެވެ.

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޚައްޤުގެ ދިފާޢުގައި ތެދުވާކަމަށް އެންމެ ބާރަށް ވާހަކަދައްކަމުން ދިޔަ އެމްޑީޕީއިން މިއަދު މިފެނިގެންދަނީ ނޫސްވެރިކަމުގެ ޙައްޤު ނިގުޅައިގަނެ، ނޫސްވެރިންނަށް ފުރައްސާރަކުރާ މަންޒަރެވެ.

އަދި މީގެ އިތުރުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާކަމަށް ދަޢުވާކުރާ އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އަންހެން ނޫސްވެރިޔަކާ، ކައިރިވެ އިނގިލި ދިއްކޮށް، އިންޒާރު ދިނުމާއެކު ފުރައްސާރަކޮށްފައެވެ.

Next: އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް