ދިރުމެއް ވާތަނެއްގައި އުއްމީދެއް އޮންނާނެ، އައްޑޫ ސިޓީން އެ އުމީއްދު އާ ކޮށްދީފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވިދާޅުވާ އެއް ބަސް ފުޅަކީ ދިރުމެއް ވާ ތަނެއްގައި އުއްމީދެއް އޮންނާނެކަމަށެވެ.

އެމަނިކުފާނުގެ މި ބަސް އައްޑޫ ސިޓީ ރައްޔިތުން މިއަދު ތެދުކޮށްފިއެވެ. “މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗޭ” މި ޝިޢާރުގެ ދަށުން މިއަދު އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ޞަރަޙައްދުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގައި އައްޑޫ ރައްޔިތުންވަނީ ބޮޑު މަންޒަރު ދައްކާލާފައެވެ.

ރަންރީދޫ އައްޑޫގެ ގޮތުގައި މީގެ ކުރިން ސިފަކޮށްފައިވާ އައްޑޫ މިއަދު ފެނިގެން ދިޔައި ޤައުމި ކުލަތަކުންނެވެ. އެ ރައްޔިތުންގެ ހަށިގަޑުގައި ކެކި އުތުރި އަރަމުން ދަނީ ޤައުމީ ވަންތަ ލޭކަން އައްޑޫގެ ދަރިން މިއަދު ހާމަކޮށްދީފިއެވެ.

ޤައުމުގެ ސިޔާދަތު ނަގާލާ ޤައުމު އަޅުވެތި ކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެކަން ޔަޤީންކޮށްދިނުމަށް އައްޑޫ ރައްޔިތުން ދަނީ ހާމަކުރަމުންނެވެ. ގިނަ ރައްޔިތުންތަކެއް ވަނީ އެބޭފުޅުންގެ ހިތްތަކުގައި އުފެދެމުން އައި ޝުޢޫރުތައް އެކި ގޮތްގޮތަށް ސިފަކޮށްފައެވެ. ޅެން ބަހުންނާއި ރައިވަރުންނެވެ. އަދަބީ ބަސްތަކުންނާއި ފޯރިގަދަ ޖުމްލަތަކުންނެވެ.

މިއަދުގެ މި ރެލީ އަކީ 01 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރު ތަންފީޒު ނުކުރުމުން، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ރައީސް ޔާމީނަށް މިހާރު ތާއީދުނެތް ކަމަށް ބުނަމުން ދާތީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޕީޕީއެމްގެ މެމްބަރުން އިސްނަގައިގެން، ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް ކުރިއަށް ގެންދާ ސިލްސިލާގެ އާ ބޮޅެކެވެ.

މިއަދުގެ މި ރެލީގައި ޚާއްޞަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑާއިގަންނަވަމުން ގެންދަވަނީ ރައީސްގެ އަނބިކަނބަލުން އަދި ފަރސްޓް ލޭޑީ ފާތުމަތު އިބްރާހިމްއެވެ. އަދި ޕީޕީއެމްގެ އިސް މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި ޕާލިމަންޓް މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވަމުން ދެއެވެ.

 

Next: ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް އަލުން ހުޅުވަނީ