ސުުޕްރީމްކޯޓުން ލަފާދެންދެން ނިންމުމަށް އަމަލުކުރަން އަމުރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް ސުޕްރީމްކޯޓުން ލަފައެއް މަޖިލީހަށް ފޮނުވަންދެން އެ ނިންމުމަށް އަމަލުކުރަމުން ގެންދިއުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.

އެކޯޓުން މި އަމަރު ނެރެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޖަލްސާގެ ޤާނޫނީ އަދަދާއި މެދު ސުވާލު އުފެދި އެކޯޓްގެ ލަފަޔަކަށް ރައްޔިތުންގެ މަޖިލީހުން އެދުމުންނެވެ.

ސުޕްރީމްކޯޓުން ނެރުނު ވަގުތީ އަމުުރުގައި ބުނެފައިވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުން މަޖިލީހުން ވޯޓަށް އަހަންވަަނީ މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެގެން ކަމަށް ބުނެފައިވާއިރު އެކަމާއި މެދު މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދާތީ އެކަމުގައި ސުޕްރީމްކޯޓްގެ ލަފަޔަކަށް އެދި މަޖިލީހުން ހުށައަޅާފައިވާކަމަށެވެ. މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ލަފާ ފޮނުވަންދެން މަޖިލީހުގެ މިއަހަރުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި ނިންމި ނިންމުންތަކަށް އަމަލުކުރަމުން ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާއި ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާކަމަށެވެ. އަދި މިގޮތަށް ނިންމީ ރައްޔިތުން މަޖިލީހުން މި މައްސަލައިގައި ހުށައަޅާފައިވާ ހުށައެޅުމުގެ މައްޗަށާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އަށާއި މި ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލްތަކުގެ މައްޗަށް ބެލުމަށްފަހުކަމަށްވެސް ސުޕްރީމްކޯޓްގެ ވަގުތީ އަމުރުގައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާރަރު ފާސްކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ތިރީސްދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށައެޅުން ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން އެ މައްޗަށް ލާޒިމްކުރާ ކަންކަން މަޖިލީހުން ފާސްކުރަންޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދު ވިދާޅުވީ، ރައްޔިތުން އެމައްޗަށް އަމަލުކުރަން ލާޒިމްކުރާ ކަންކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ޖަލްސާގައި ވޯޓަށް އަހާފައިވަނީ މަޖިލީހުގައި އާންމު އުސޫލުން 21 މެމްބަރުން ތިއްބަވައިގެން ކަންކަން ފާސްކުރާ އުސޫލުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ތިރީސް ދުވަހަށް އިތުރުކުރުމަށް  ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހަށާއި ކޯޓްތަކަށް ބާރުތައް ދިނުމަށް ފަހު ބައެއް އިސްލާހުތަކާއި އެކުއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤާރާރުން އުނިކުރުމަށް މަޖިލީހުން ނިންމާފައި ވަނީ ޤާނޫނު އަސާސީގެ 100 ވަނަ މައްދާ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރުމުގެ މާއްދާއާއި ޤާނޫނު އަސާސީގެ 101 ވަނަ މާއްދާ، ވަޒީރުން ގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއި އަމަލުކުރާނެ އުސޫލްތައް ބަޔާން ކުރާ މާއްދާއާއި ޤާނޫނު އަސާސީގެ 113 ވަނަ މައްދާ، ސުޕްރީމްކޯޓްގެ ބާރުތަކާއި ޤާނޫނު އަސާސީގެ 228 ވަނަ މާއްދާ، ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުމުގެ މާއްދާއެވެ.

Next: ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް