މި ވަގުތު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ރައްޔިތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އާރިފް ވިދާޅުވީ، މިއީ ދަތި ދުވަސްކޮޅެއް ކަމަށެވެ. އެކަމަކު، މި ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް ފާގަތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
“މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،”
އަލީ އާރިފު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން މި ވަގުތު ކުރާ މަސައްކަތަށް ކުޑަ ޖާގައެއް ދިނުމަށް އަލީ އާރިފު ގޮވައިލެއްވި އެވެ. އެކަމަށްޓަކައި ބޭކާރު ހޭދަތައް ބޮޑުތަނުން ކުޑަކޮށްފިނަމަ، ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، އޭރުން ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިގެންދާނެ ކަމަށް އާރިފު ވިދާޅުވި އެވެ.
ފައިސާ ޗާޕްކުރުމަކީ ފަސޭހަ ގޮތެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ބޭނުންވަނީ އެކަން ނުކޮށް ހިތި ބޭސް ބޮއެގެން ވިޔަސް މި ދަތިކަމުން އަރައިގަތުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ދައުލަތުގެ މާލީ ހާލަތު ސިފަކުރެއްވީ ގުނަވަނަކަށް ކެންސަރުޖެހިފައިވާ ބަލި މީހެއްގެ މިސާލުގެ ގޮތުގަ އެވެ.
“ޗާޕުކުރާ މެޝިނަށް ކަރުދާސް ލާފައި، ބަޓަނަށް ފިތާލީމާ ޗާޕުވެދާނެ. އެކަމަކު، އެއީ ޒިންމާދާރު ވެރިން ކުރާނެ ކަމެއް ނޫން. އިޚުލާސްތެރި ވެރިން ކުރާނެ ކަމަކީ އުނދަގުލަސް ދައްޗަސް ކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އެޅުން،”
އާރިފް ވިދާޅުވި އެވެ
ކެންސަރު ޖެހުނީމާ ހިތާ ދެކޮޅަށް ވެސް ގުނަވަން ބުރިކޮށްލަންޖެހޭ ކަމަށާއި، މިވަގުތު ކަންކަން ކުރަމުން ދަނީ އެގޮތަށް ކަމަށް އަލީ އާރިފު ވިދާޅުވި އެވެ. އަދި މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.