ވިއްސާރައިގައި އައްޑޫ ސިޓީން ގެއްލުން ލިބުނު ގޭގެ ފުރާޅު އެމްއެންޑީއެފްއިން މަރާމާތުކޮށްދީފި

ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، އަސްރާރު މަންޒިލް ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، 5 ނުލައި 20240ވީ ހުކުރު ދުވަހުގެ ހެނދުނު 09:41 ހާއިރު ހިތަދޫ އެ ގޭގެ ފުރާޅު އެއްލާލުމުން ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތީގޮތުން އެ ފުރާޅު އަޅައިދީފައިވާކަމަށް އެމްއެމްޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީ، އެންޑީއެމްއޭއިންވެސް ވިދާޅުވީ، މިހާތަނަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވަނީ އައްޑޫސިޓީގެ އަސްރާރު މަންޒިލްގެއިން އެކަނިކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖެ ހިމެނޭ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު އުޅޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އާދިއްތަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Next: ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ޝަރުތުކުރުމަށްފަހު ދިވެހި މީހާ ދޫކޮށްލައިފި