އެއަރ ކޯގެ ޚިދުމަތާއެކު އަސްކަރިއްޔާ ވަނީ އެހެން ހަރުފަތަކަށް ޖެހިލާފައި – ޣައްސާން

އެއަރ ކޯގެ ޚިދުމަތާއެކު ދިވެހި އަސްކަރިއްޔާ ޙިދުމަތް މުޅިން އެހެން ހަރުފަތަކަށް މައްޗަށް ޖެހިލާފައިވާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ އެއަރ ކޯރ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޤާއިމުކުރެވުނު ނިޒާމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް މީގެފަހުން މަސައްކަތްކުރާނީ ސީދާ ރާއްޖޭގެ ދިފާޢީ ބާރުންކަމަށެވެ.

ޣައްސާން ވިދާޅުވީ އެއަރ ކޯގެ ހިދުމަތް ތައާރަފްކުރެވިގެން ދިއުމަކީ މިއީ ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށްވެސް ތާރީޚީ މަސައްކަތެއްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބުރަ މަސައްކަތުން ގެނެވުނު ތާރީޚީ ދުވަހެއްކަން އައްސާން ފާހަގަކުރެއްވިއެވެ.

އެގޮތުން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި މުހިއްމު އެއް މަސައްކަތަކީ ދިފާޢީ ދާއިރާ ހަރުދަނާކުރައްވާ ސިފައިންގެ އަމިއްލަ ބާރުވެރިކަން ޔަގީންކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތްކަމަށް އައްސާން ފާހަގަކުރެއްވިއެވެ. އަދި އެއަރ ކޯ އިފްތިތާހުވެގެން ދިއުމަކީ އަސްކަރީ ދިގު ތާރީޚެއް އޮތް ޤައުމުގެ އަސްކަރިއްޔާ އެހެން ޙަރުފަތަކަށް ދިއުންކަމަށް އައްސާން ފާހަގަކުރެއްވިއެވެ.

މިއަދު އަސްކަރިއްޔާއަށް، ކޮމަންޑަރ އިންޗީފްގެ އިސްނެންގެވުމަށް ކުރެއްވި ބުރަ މަސައްކަތުން މިހޯއްދަވާދެއްވީ މިފަދަ ވަޞީލަތެއް. ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ނިޒާމެއް. ދުނިޔެގަ މިހާރު ކުރިއަރާފައިހުރި ޤައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް.”

އައްސާން ވިދާޅުވިއެވެ.

އައްސާން ވިދާޅުވީ މިއަދު ހަނގުރާމަ ކުރެވޭގޮތް ބަދަލުވެއްޖެކަމަށާއި ޤައުމުތަކުން އެއްޤައުމުން އަނެއް ޤައުމު އަޅުވެތިކުރުން ނިމުމަކަށް އައިސްފައިވީނަމަވެސް އެއްޤައުމުން އަނެއް ޤައުމުގެ އިސްތިޤުލާލަށް ބާރުފޯރުވަމުންދާ މަންޒަރު ފެންނަކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ރާއްޖެއިން ނުދޭނެކަމަށް އައްސާން ވިދާޅުވެއެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވުމާއެކު ސަރޗް އެންޑް ރެސްކިއުއަށްވެސް އަދި ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށްވެސް ސިފައިންކުރާ ބުރަ މަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށް އައްސާން ވިދާޅުވިއެވެ.

advertisement

Next: އައްޑޫ ގައި ތިބި އިންޑިއާ ސިފައިން ފުރައިފި