އޮސަސޫނާ ބަލިކޮށް ރެއާލަށް އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް ރެއާލުން ހޯދައިފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ.

މިވަގުތު ރެއާލް އެއްވަނާގައި އޮތީ ކުޅުނު 29 މެޗުން ހޯދި 72 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް 29 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ. ރޭ ޖިރޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ފަރަގު 7 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޖިރޯނާއަށް އޮތްނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރެވުނެވެ. އެ ޓީމް ވަނީ 1-0 ގެ ނަތީޖާއިން ގެޓާފޭ އަތުން ބަލިވެފައެވެ. މިވަގުތު ތިންވަނާގައި ބާސާ އޮތީ 28 މެޗުން ލިބުނު 61 ޕޮއިންޓާއި އެކުއެވެ. މިރޭ އެތުލެޓިކޯ މެޑްރިޑާއި ބާސާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ ދެވަނައަށް ޖެހިލުމުގެ އަމިއްލަ ބާރު މިހާރު ބާސާއަށް އެބައޮތެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރޭ ރެއާލުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތަރު ވަނަ މިނެޓުގައި ޖަހާއިދިނީ ވިނީސިއަސްއެވެ. ރެއާލުން ލަނޑު ޖެހިތާ ތިންމިނެޓް ފަހުން އޮސަސޫނާގެ ބުޑިމިރް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރެއާލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޑެނީ ކަރަވަހާލްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެޗުގެ 18 ވަނަ މިނެޓުގައި އޮސަސޫނާގެ އޭރިއާ ތެރެއިން ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ރެއާލުގެ ތިންވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. އޭގެ ތިން މިނެޓް ފަހުން ރެއާލުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ވިނީއެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ވަލްވަޑޭއެވެ. އޮސަސޫނާގެ ދެވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ އިކާ މުނޯޒްއެވެ.

Next: އެއަރ ކޯގެ ޚިދުމަތާއެކު އަސްކަރިއްޔާ ވަނީ އެހެން ހަރުފަތަކަށް ޖެހިލާފައި – ޣައްސާން