ކޮޕާ ޑެލްރޭ: ފަހަތުން އަރައި ޔޫނިއަނިސްޓަސް އަތުން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލަށް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަަނަ ބުރުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ޔޫނިއަނިސްޓަސް 3-1 ގެ ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔޫނިއަނިސްޓަސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު އަލްވާރޯ ގޯމޭޒް އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ބާސެލޯނާ އިން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޫލްސް ކުންޑޭ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލްޖެންޑްރޯ ބަލްޑޭ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ

advertisement
Next: ޔޫސުފު ނާއިބު ގުރުއާން މުބާރާތް – ބަލައިގެންކިޔެވުމުގެ ގޮފިން އެއްވަނަ އާއިޝަތު ޔާމިނާ- ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ- ވާއިލް އިބްރާހިމް ރަޝީދު