ކޮޕާ ޑެލްރޭ: ރެއާލް ކަޓުވާލުމަށް ފަހު އެތްލެޓިކޯ ކުއާޓާ ފައިނަލަށް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ސެމުއެލް ލިނޯ އެވެ.

ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ރެއާލް މެޑްރިޑަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ މިޑްފިލްޑަރު ލޫކާ މޮޑްރިޗް ކުރިއަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި އެތްލެޓިކޯގެ ކީއްޕަރު ޖާން އޮބްލަކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، އެތްލެޓިކޯ މެޑްރިޑުން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ ފަހުހާފުގެ 57 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ ރެއާލް މެޑްރިޑްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ހޯސެލޫ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު 15 މިނެޓްގެ ދެ ހާފްގެ ތެރެއިިން ފުރަތަަމަ ހާފުގެ 10 ވަނަ މިނެޓުގައި އެތްލެޓިކޯ އިން އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ތިންވަނަ ފަހަރަށް ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރިޒްމަން އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރޮޑްރީގޯ ރިކްއެލްމީ އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.

advertisement
Next: ކޮޕާ ޑެލްރޭ: ފަހަތުން އަރައި ޔޫނިއަނިސްޓަސް އަތުން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލަށް