ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ އަމުރު އާންމުކޮށްފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
އެ އަމުރު ޝާއިއުކޮށްފައި މިވަނީ، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެފައި ވަނިކޮށެވެ. އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ވަނީ، ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.

 

Next: ކޮޕާޑެލްރޭ- ފައިނަލަށް ދިއުމުގެ ފުރުސަތު ބާސެލޯނާ ތަނަވަސްކޮށްފި