ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ފޮރެސްޓު 15 ވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ފޮރެސްޓުން ލީގު ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ފޮރެސްޓުން ނެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނޮޓިންހަމް ފޮރެސްޓް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ނިކޮލަސް ޑޮމިންގޭޒް އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ގޮންޒާލޯ މޮންޓިއެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ނޮޓިންހަމް ފޮރެސްޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް އެވެ. މިއީ އެޓީމުގެ ސްވިޑެންގެ ފޯވާޑް އެންތަނީ އެލަންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20: މެޗުން ނޮޓިންހަމް ފޮރެސްޓަށް 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 20 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
Next: ލޫޓަން އަތުން މޮޅުވެ، ޗެލްސީން އަހަރު ނިންމާލީ ޓޭބަލްގެ 10 ވަނާގައި އޮވެގެން