އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ 3-2 ގެ ނަތީޖާއަކުން ލޫޓަން އަތުން ޗެލްސީ މޮޅުވެއްޖެވެ.
ޗެލްސީން މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރި އިރު މިމެޗްގައި ޗެލްސީން ލީޑު ނެގީ މެޗްގެ 12 ވަނަ މިނިޓްގަ ކޯލް ޕަލްމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިމެޗުގައި ޗެލްސީގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ނޯނީ މަޑޫކް އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ
މެޗުގެ ދެވަަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޗެލްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މިޑްފީލްޑަރު ޕަލްމާ އެވެ. މިއީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީގެ ތިންވަނަ ލަނޑަށްފަހު ލޫޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ އަޑެބަޔޯ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ނަމަވެސް އޭގެ ހަމިނެޓު ފަހުން އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރު ރޮސް ބާކްލީ އެވެ. އަދި އޭގެ 7 މިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޑެބަޔޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ޗެލްސީއަށް 28 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 19 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.