މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ.

އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ.

އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ.

ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރެވެ. އަދި އޭނާ އަކީ ނިމުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދިފާޢުގައި ވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް މެންބަރެވެ.

ޝަރީފް އެމްޑީޕީ ދޫކޮށްލައްވާފައި މިވަނީ މަޖިލިސްގެ އައު ދައުރެއްގެ އިންތިޚާބު ބޯމަތިވެ، ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ.

ޝަރީފް ވަކިވެވަޑައިގަތުމުގެ ކުރިން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރެއްވި މެންބަރުންގެ އަދަދަކީ 56 އެވެ. ޝަރީފް ވަކިވެވަޑައިގަތުމުން އެ ޢަދަދު 55 އަށް ދަށްވީއެވެ.

މަޖިލީހުގައި ދަ ޑިމޮކްރެޓްސް، 13 މެންބަރުން ތިއްބަވާއިރު، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ 2 މެންބަރުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 2 މެންބަރުން، މޯލްޑިވްސް ޑިވޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 2 މެންބަރުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) 2 މެންބަރުން އަދި
މިނިވަން 3 މެންބަރުން ތިއްބަވައެވެ. ޝަރީފް ވަކިވެވަޑައިގަތުމުގެ އިޖުރާއަތްތައް މަޖިލީހުން ފުރިހަމަވުމުން އެހެން ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނަމަ މިނިވަން މެންބަރުންގެ އަދަދު 4 އަށް އަރާނެއެވެ.

advertisement
Next: ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ހުޅުމީދޫގައި ފާހަގަ ކޮށްފި