އައު ސަރުކާރުގައި މަދުވެގެން 8 ކުންފުނީގެ އެންމެ މަތީ މަޤާމަށް ވަޑައިގަންނަވާނީ އަންހެނުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުރޭ ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ބޮޑު ސަރުކާރަކަށްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން ސަރުކާރުގެ 3 ވުޒާރާއަކާއި މަދުވެގެން ސަރުކާރުގެ 8 ކުންފުނީގެ އެންމެ މަތީ މަޤާމުގައި ތިއްބަވާނީ އަންހެނުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗަންސެލަރަކަށްވެސް އައު ސަރުކާރުގައި އައްޔަނުކުރާނީ އަންހެން ބޭފުޅުންކަމަށެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުގައި ކުންފުނިތަކުގެ ހިންގުމުގެ ސަފުން ދެބޭފުޅަކަށް ނޫނީ އަންހެނުންނަށް ފުރުސަތު ލިބިފައިނުވާކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އަންހެނުން ކުރިމަތިލައްވާ ރައްޔިތުންގެ ބަސް އިއްވުމުގެ މަސައްކަތްކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.
ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޕީޕީއެމް/ޕީއެންސީގެ ސްލޮޓުތަކުގައި މަޖިލީހަށް ވަޑައިގަންނަވާ އަންހެނުންނަށް ޚާއްސަ އެލަވަންސްތަކެއް ޕާޓީގެ ބަޖެޓުން ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.