ޑިސެމްބަރުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާވާނެ

އަންނަ މަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެކަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހަނދާންކޮށްދެއްވައިފިއެވެ.

ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އެކަން ކުރަމުން އަންނަނީ އެކި ތާރީޚުތަކަށް ބަހާލައިގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށެވެ.

advertisement

އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1އިން ފެށިގެންނެވެ.

މި ބަދަލާއެކު ރާއްޖޭގައި ބާޒާރުގައި މިހާރު ވިއްކަމުން އަންނަ 500 މިލިލީޓަރުގެ ފެންފުޅިވެސް ވިއްކުން މަނާވާނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ.

advertisement

Next: ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި