ޕިންކު ރިބަން ރަން : މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގައި ބާއްވާ ރަން ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ ޕާކް ކައިރިން

އުރަމަތީގެ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ބޭންކް އޮފް މޯލްޑިވްސްއާއި  ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންމުޅި ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕިންކް ރިބަން ރަން – ވޯކް 2023” އާއިގުޅިގެން އައްޑޫސިޓީގެ މަރަދޫ ، ފޭދޫ ، އަދި މަރަދޫފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް  މާދަމާ ( 14 އޮކްޓޯބަރ 2023 ) ހަވީރު 4:00 ގައި  ފެށުމަށް ހަމަޖެހިފައިވާކަމަށް މިއިވެންޓް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއްވައިފިއެވެ.

މަރަދޫ ، މަރަދޫފޭދޫ އަދި ފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިިވާ ޕިންކް ރިބަން ރަން – ވޯކް ބޭއްވުމަށް ހަމަޖެހިފައިވާގޮތް

މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ ހިމެނޭ ގޮތަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިރަން އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން ގެންދަނީ އައްޑޫގެ ފޯކަލް ޕޮއިންޓު, ދަމަނަވެށި ހިންގުމާ ޙަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރ އިޙްތިޝާމް ނަޖީބު, މަރަދޫ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ޝިޔާޒާއި ބީއެމްއެލް ގޭން ބްރާންޗުގެ މެނޭޖަރ މަރިޔަމް ޝަޒްލީން އަދި ޝޭޕްއަޕް ތުރީ ސިކްސްޓީގެ ނަޖުވާ ރިޔާޒު (ނަޖޫ)އެވެ.

މާދަމާކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި މަރަދޫ ، މަރަދޫފޭދޫ އަދި ފޭދޫގެ  ސްކޫލްތަކާއި މުއައްސަސާތަކުގެ އިތުރުން ގަން އެއާރޕޯޓު އަދި ކަސްޓަމާއި ފުލުހުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާ ކަމަށް މިއިވެންޓް އިންތިޒާމް ކުރާ ޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.


މާދަމާ ހަވީރު 16:00 ގައި ފަށާ މިއިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ  މަރަދޫ ޕާކްކައިރިންނެވެ. އަދި މިއިވެންޓް ނިންމާލުމަށް ހަމަޖެހިފައިވަނީ ފޭދޫ  ހެޕީމާކެޓް ކައިރިއަށެވެ.  

މިއިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނީ މިޙަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ނުޖެހޭއިރު، މިއިވެންޓްގައި ބައިވެރިވުމަށް ޚާއްސަ ބިބެއް ވަނީ ތައްޔާރުކުރެވިފައެވެ.  މިބިބް ލިބިވަޑައިގަންނަވާނީ -/75 ރުފިޔާ އާއި -/50 ރުފިޔާއަށެވެ.  
މިހަރަކާތުގެ ތެރެއިން ބިބް ވިއްކައިގެނާ އެހެން ގޮތްގޮތުން ލިބޭ ފައިސާ ކެންސަރ ސޮސައިޓީ ހޮފް މޯލްޑިވްސްއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

އޮކްޓޫބަރު މަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ބްރެސްޓް ކެންސަރ އެވެއަރނަސް ނުވަތަ އުރަމަތީގެ ކެންސަރަށް ޢާއްމުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިޔަށް ގެންދާ މަހެވެ.

Next: ފަލަސްޠީނާއެކު ހުޅުމީދޫ ރަށްޔިތުން –ހިގާލުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު