ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ށ. ކޮމަންޑޫ މަގުމަތީގައި އޮތް 72 އަހަރުގެ ފިރިހެނަކު އެރަށު ހެލްތު ސެންޓަރަށް ގެންދެވިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:45 ހާއިރު ލިބިފައިވާކަމަށެވެ.

ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް އޭނާ ނިޔާވެފައި ވާކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތެވެ.

ކޮމަންޑޫ އިން ވާހަކަދެއްކި މީހަކު ބުނީ އޭނާ މަގުމައްޗަށް ވެއްޓުނީ ހޮސްޕިޓަލަށް ދަނިކޮށް ކަމަށް ލަފާކުރެވެއެވެ. އެއީ އޭނާގެ ޖީބުގައި އައިޑީކާޑު ވެސް އޮތުމުންނެވެ.

ނިޔާވި މީހާގެ ދަރިން ދިރިއުޅެނީ މާލޭގައެވެ. އޭނާ ދިރިއުޅެނީ އާއިލާ މީހުންގެ ކައިރީގައި ކަމަށް ވެއެވެ. ނިޔާވި މީހާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.

 

Next: ވީއައިއޭގައި ކޭއެފްސީއާއި ޕިއްޒާ ހަޓް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި