ނިޒާމީ ވޯޓަކީ ނަޝީދު މުއިއްޒުއާއި ދެކޮޅަށް ގެންނަން އުޅޭ ބަޢާވާތެއް

ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އުޅުމަކީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ދެކޮޅަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅުއްވާ ބަޢާވާތެއްގެ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ސިފަ ކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން މިގޮތައް ސިފަކޮށް ވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރުމާއި ގުޅިގެން ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން އެމްޑީޕީން ރަސްމީ ނިންމުމެއް ނިންމުމަށް ރޭ ބޭއްވުނު އެޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. .

ރޭ ބޭއްވުނު ގައުމީ މަޖިލިސް ޖަލްސާގައި ބަރުލަމާނީ ނިޒާމަކާއި އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ޖާބިރު އެކަނިއެވެ.  އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށްފަހު އޭނާވަނީ ގައުމީ މަޖިލިހުގެ ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ.

ރޭ ބޭއްވުނު ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިހާރުގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، އާ ރައީސަކު އިންތިޚާބު ވެފައި ވަނިކޮށް، ނިޒާމު ބަދަލު ކުރުމަކީ އާ ރައީސް އިށީންނަވަން ހަމަޖެހިފައިވާ ގޮނޑި ދަމައިގަތުން ކަހަލަ ކަމެއްގެ ގޮތުގައެވެ. އަދި ހަމަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިހާރުގެ ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ، އިންތިހާބުން ބަލިވުމުން މޮޅުވި މީހުން ދުއްވާލަން ގޮތެއް ހޯދަން ނުޖެހޭ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން ވިދާޅުވެފައިވަނީ ބޭނުމީ ބަރުލަމާނީ ނޫން ގޮތެއް ކަމަށާއި، އަދި ނަޝީދު ނޫންގޮތެއްވެސް ކަމަށެވެ.

advertisement
Next: މަޖިލިސް ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވައިފި