ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3 ލަނޑު 1 ލަނޑުންނެވެ.  

ރޭގެ މެޗު ފަށައިގެން އެތުލެޓިކޯ މެޑްރިޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ވިހި މިނެޓް ތެރޭ  އެތުލެޓިކޯއިން ވަނީ ރަނގަޅު ފުރުޞަތުތަކެއް ހޯދައި ރެއާލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ލިނޯ ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ.

އެތުލެޓިކޯގެ ލަނޑަށްފަހު ރެއާލްގެ ކުޅުން ރަގަޅުކޮށް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނިކޮށް ކައުންޓް އެޓޭކްގައި ލިބުނު ފުރުސަތަކުން ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ޖަހާ އެތުލެޓިކޯއިން 2 ލަނޑުގެ ލީޑެއް ހޯދިއެވެ.

 އެތުލެޓިކޯގެ ދެވަނަ ލަނޑަކީ ނިގުއޭޒް ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލްމެޑްރިޑުން މިމެޗްގައި ކާމިޔާބުކުރި ލަނޑު  ލަނޑު 35 ވަނަ މިނެޓުގައި އެތުލެޓިކޯގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސްއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ރެއާލުން އިތުރު ލަނޑެއް ޖެހިނަމަވެސް އެ ލަނޑު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން ވަނީ ބަލައިނުގަނެފައެވެ.

މެޗުގެ ދެވަނަ ފާހުގެ ފުރަތަމަ މިނެޓުގައި މިމެޗްގައި އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކުރި 3 ވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

މިލަނޑަކީ ރެއާލުގެ އޭރިއާތެރެއަށް ނިގުއޭޒް މަތިން ނަގައިދިން ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.  

އެތުލެޓިކޯ މެޑްރިޑް މި މެޗުން މޮޅުވުމުން 5 މެޗުން 10 ޕޮއިންޓް ލިބިގެން އެޓީމް އޮތީ ޓޭބަލްގެ 6 ވަނާގައެވެ.

މިމެޗުން މޮޅުވެގެން  ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ ހަމެޗުން 15 ޕޮއިންޓް ލިބިގެންނެވެ.

 މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން ހޯދި 16 ޕޮއިންޓާއިއެކު ބާސެލޯނާއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ވެސް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެކަމަކު ބާސެލޯނާއަށް އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

advertisement
Next: ސްޕެނިޝްލީގު: ސެވިއްޔާ އަތުން ބާސާއަށް ހަނި މޮޅެއް