ނަޝީދާ ވާހަކަ އެބަދެކެވޭ، ދެ ރައީސުން އެއްކޮށް ފެނުމުގެ އުންމީދު ބޮޑު: ފައްޔާޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ފެނުމުގެ އުންމީދު ބޮޑު ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ބައެއް މީޑިއާތަކުން ދެންނެވި ސުވާލު ތަކަށް ޖަވާބް ދެއްވަމުން ފައްޔާޒް ވިދާޅުވީ އެބޭފުޅާ އާއި ރައީސް ނަޝީދާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އަދި ނަޝީދުގެ ފަރާތުން ވަކި ހުށަހެޅުމެއް ލިބިފައިވާ ނުވާ ކަމަށާއި، އެބޭފުޅުންގެ މެދުގައި އޮތް “ޕާސަނަލް” މައްސަލަތަކާއި ހެދި ގައުމުގެ މުސްތަގްބަލު ގެއްލުވާލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަޅުގަނޑަށް ހަމަ ފެނޭ. އެއީ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ތެރޭ ޖެހިފައި އޮތް ޕާސަނަލް މައްސަލަތަކަކާއި ހެދި އެއްވެސް ބޭފުޅަކު މި ގައުމުގެ މުސްތަގުބަލު ގެއްލުވާލާނެ ކަމަކަށް. އެހެންވީމާ، އެ ވާހަކަ އެބަ ދެކެވޭ.”

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކެމްޕޭން ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭ ގޮތުންނެވެ.

އަލުން ރުކުރުވާލާއިރު ކަންތައްތައް ކުރާނެ ގޮތާއި ވޯޓާ ޓާންއައުޓާއި އެމްޑީޕީގެ މީހުންނަށް ވޯޓުލާން ނުނިކުމެވުނު މައްސަލަތަކާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކާއި މެދު މިއަދު ގައުމީ މަޖިލީހުގައި މަޝްވަރާކޮށް އެއަށް ހައްލުތަކެއް ހޯދި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެމްޑީޕީއާއި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ފެހި ސިގްނަލް ދެތިން ޕާޓީއަކުން ދީފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއްވެސް ޕާޓީއަކާއި އެކު މިހާތަނަށް އެމްޑީޕީން ރަސްމީ މަޝްވަރާތައް ބާއްވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

މަސްދަރު: ޖަޒީރާ އެމްވީ


advertisement
Next: ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ