އައްޑޫ ސިޓީގެ ބިން ހިއްކާ ނިމި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ފޭސް އޮގަސްޓް މަހު ނިމިފައިވާކަމަށާއި އަދި އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަޙައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކަމަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 228 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުންޏާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މަރަދޫ އާއި މަރަދޫ ފޭދޫގެ 76 ހެކްޓަރުގެ ބިން ހިއްކާ އަދި ހިތަދޫއިން ވެސް ވަނީ 80 ހެކްޓަރުގެ ބިން ހިއްކާފައެއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ފަތުރުވެރިކަމާއި އިޤްތިޞާދީ ހަރަކާތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ. އޭގެތެރޭން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ 3 ރަށަށް، ރަށަކަށް 8.3 ހެކްޓަރުގެ މަގުން 25 ހެކްޓަރުގެ ބިން އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެއެވެ.
އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢާއެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ގޮތުން ބޮޑެތި ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީއަށް މިހާރަށްވުރެ ބޮޑަށް ހުޅުވިގެންދާނެކަމަށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހެޔޮބަދަލެއް ލިބިގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 228 ހެކްޓަރުގެ ބިން އައްޑޫ ސިޓީއަށް ވަނީ އިތުރުކޮށްފައެވެ.