ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ، އެ ކުލަބް ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލްއަށް ސޮއިކޮށްފިއެވެ
އުމުރުން 31 އަހަރުގެ ނޭމާ އަލް ހިލާލަށް ބަދަލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 90 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ
އަލް ހިލާލަށް ބަދަލުވުމަށް ފަހު ނޭމާ ބުނީ ޔޫރަޕުގައި ހޭދަކުރެވުނު ހާއްސަ ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާ ކަމަށާއި އަބަދުވެސް އައު ޗެލެންޖްތަކާއި ކުރިމަތިލައި ތަފާތު ލީގުތަކުގައި ކުޅެން ބޭނުންވާ ކަމަށެވެ.
ނޭމާ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ދާދިފަހުން އެ ޓީމްގެ ކޯޗުކަމާއި ހަވާލުވި ލުއިސް އެންރީކޭ ޕްލޭނުގައި އޭނާ ނެތުން ހިމެނެއެވެ. އަދި އަނިޔާގެ މައްސަލަތައް އިތުރުވުމާއި ޕީއެސްޖީގައި ނޭމާއަށް ސަޕޯޓަރުން ހިތްހަމަޖެހޭފަދަ ކުޅުމެއް ނުދެއްކޭތީ ސަޕޯޓަރުންނާއި ނޭމާއާއި ދެމެދު އޮތް ގުޅުން ރަނގަޅު ނުވުން ހިމެނެއެވެ.