އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އދ. ގެ މެންބަރު ގައުމަށް ރާއްޖެ ވުމަށްޓަކާ އެހެން ގައުމުތަކުގެ ތާއީދު ހޯދުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ މިދަތުރުފުޅުގައި ބައްދަލުކުރެއްވި ގައުމުތަކުގެ އެންމެ އިސްވެރިންގެ ތާއީދު ރާއްޖެއަށް ޚާއްސަކޮށް ރައީސް ޔާމީނަށް އެބައޮތްކަން ހާމަވެގެން ދިޔަކަމަށެވެ.
މިނިސްޓަރ ޝައިނީ މިދަތުރުފުޅުގައި ވަޑައިގެންފައިވަނީ ޓަންޒޭނިޔާ، މޮޒަންބީ އަދި ސައުތް އެފްރިކާ ބައްރަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާއި ކުރިއެރުންތަކުގެ ވާހަކަތައް އެފްރިކާ ބައްރުގެ އިސްވެރިން ފާހަގަކުރައްވާ އެބޭފުޅުން ރައީސް ޔާމީނަށް ވަރަށް ތައުރީފު ކުރެއްވި ކަމަށެވެ.
އަދި ރާއްޖެއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ދެކިލުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވަން ބޭނުންފުޅުވާކަން ވެސް އެބޭފުޅުން ހާމަކުރެއްވި ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.