އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިއުތިމާސްކޮށްފި

ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މި ދުވަސްވަރު އައްޑޫސިޓީގައި ޑެންގީ ހުން ޖެހޭ މިންވަރު ދަނީ އިތުރުވަމުންކަމަށެވެ. އެހެންކަމުން މި ކަމަކީ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށާއި ޑެންގީ ހުމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅުތައް އަޅައި މަދިރި މަދުކުރުމަށް ހުރިހާ ބޭފުޅުންވެސް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ޑެންގީ ހުން މިހާރަށްވުރެ އިތުރަށް ފެތުރިގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޑެންގީ ހުމުން ސަލާމަތްވެތިބުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެކަމަށް އޭއީއެޗްއިން ބުނެފައިވެއެވެ.

މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ. މި ބައްޔަކީ ފުރާނައަށްވެސް ނުރައްކާވާވަރުގެ ބައްޔަކަށްވާތީ ސަމާލުވާންޖެހޭ ބައެއްކަންތައް އޭއީއެޗްއިންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ހުން އަންނަނަމަ ހުން ތިރިކުރުމަށްޓަކައި ޕެރެސެޓެމޯލް ނުވަތަ ޕެނެޑޯލް ބޭނުންނުކުރުމަށާއި 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން ތިރިނުވެ ދިގުލައިގެންގޮސްފިނަމަ ވީހާވެސް އަވަހަށް ސިއްޙީދާއިރާގެ އެހީތެރިއެއްގެ ލަފާހޯދައި، ގިނަގިނައިން ދިޔާތަކެތި ބޭނުންކޮށް އަރާމުކުރުމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުޑަކަމުދެވޭ މިންވަރު މަދުވެ ނުވަތަ އާދަޔާ ޚިލާފަށް ގައިގައި ވަރުދެރަވެ ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައިސްފިނަމަ، ލަސްނުކޮށް ޞިއްޙީއެހީތެރިއެއްގެ ލަފާހޯދުމަށް އޭއީއެޗް އިން އިލްތިމާސްކޮށްފައިވެއެވެ

Next: ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފި