މީދޫ އެކުވެރިންގެ ޗޭނަށް ” ދެކުނު އަށީގެ ” ނަމުގައި ހިންގުމަށް ހުށަހެޅި ހޭލުންތެރިކަމުގެ ޕްރޮގްރާމަށް ފައިސާގެ އެހީ ލިބޭ ގޮތައް ހަމަޖެހިއްޖެވެ.
މިކަން ހާމަކޮށްފައިވަނީ ސިވިލް ސޮސައިޓީ އެވޯޑްސް 2022″ ގެ ނަމުގައި ޖޫން 8 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައެވެ.
މި ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެތެރޭގައި ހިމެނޭ މަދަނީ ޖަމްއިއްޔާތަކީ މުހިއްމު އިޖްތިމާއީ ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށްޓަކައި ބޭނުންވާ ފުރުސަތުތައް ހޯދައިދީ މުޖުތަމައު ބާރާރުވެރިކުރުވަން ވެފައިވާ ވައުދުގެ ދަށުން އެހީދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއެހީ ހޯދުމަށް ރާއްޖޭގެ 18 އަތޮޅަކުން 52 ޖަމްއިއްޔާއަކުން ކުރިމަތިލިއެވެ.
އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް ޗޭނު ޖަމްއިއްޔާގެ އިތުރަށް ، އިތުރު 12 ފަރާތަކަށް މިއެހީ ވަނީ ލިބިފައެވެ.
އައްޑޫސިޓީ މީދުއަށް ނިސްބަތްވާ މީދޫ އެކުވެރީންގެ ޗޭނަކީ 2010 ގައި ރަޖިސްޓްރީކުރި ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާއިން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ޔޫތު މިނިސްޓްރީން މިޖަމްއިއްޔާއަށް އެހީ ދެނީ ދެކުނުގެ އަތޮޅުތަކުގައި ދިރިއުޅޭ އަންހެނުންނަށާ އަންހެން ކުދީންނަށް ފަސްނުޖެހި ކަންކަމުގައި ކުރިމަތިލާންކެރޭ މުޖުތަމައެއް ބިނާކުރުމަށް ” ދެކުނު އަށީގެ ” ނަމުގައި ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމަށެވެ.
މި ޕްރޮޖެކްޓަށް ޔޫތު މިނިސްޓްރީން ޗޭނު ޖަމްއިއްޔާއަށް ދިނުމަށް ނިންމާފައިވަނީ 166،526.00 ރުފިޔާއެވެ. މި ޕްރޮޖްކެޓްގެ ޖުމްލަ އަގަކީ 175،686.00 ރުފިޔާއެވެ.