އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ.
ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ޓީމު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މަރަދޫފޭދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލްމެޗްގައި ހިތަދޫ އަވަށު އޮފީހުގެ ރައިޑާސް 10 ލަނޑު 7 ލަނޑުން ބަލިކުރުމަށްފަހުގައެވެ.
ހުޅުދޫ އަވަށު އޮފީހުގެ ޓީމް – މިޓީމް ވަނީ ވޮލީ މުބާރާތާއި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި
ފުޓްސަލް މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއްގައިވެސް ކުޅެން ނެރޭ ޓީމުގައި އަންހެން 2 ކުޅުންތެރީން ހިމަނަން މަޖުބޫރު ގަވާއިދެއް ހަމަޖެހިފައިވާތީ ކޮންމެ ޓީމަކުންވެސް 2 އަންހެން ކުޅުންތެރީން ޓީމުގައި ހިމަނަންޖެހެއެވެ. މިގޮތުން ބައެއް ޓީމުތަކުގެ ގޯލް ކީޕަރުންނަށް އަންހެން ކުޅުންތެރީން ކުޅެފައިވެއެވެ.
އަންހެން ކުޅުންތެރީން ގޯލް ކީޕަރުންނަށް ކުޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއްވެސް ހިގާފައިވެއެވެ. އެއީ ހުޅުދޫ އަވަށު އޮފީހާއި މަރަދޫ އަވަށު އޮފީހުގެ ޓީމު ބައްދަލުކުރިމެޗްގައި މަރަދޫޓީމްގެ ގޯލްކީޕަރަކަށް ކުޅުން އަންހެން ކުޅުންތެރިޔާ ހުޅުދޫ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އަތްބިންދައިގެންދިއުމުގެ ސަބަބުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަތްބިދުނު އަންހެން ކުޅުންތެރިޔާ ހިތަދޫ ހޮސްޕިޓަލުން އޮޕްރޭޝަންކޮށް މިހާރުދަނީ ފަރުވާދެމުންނެވެ.
ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ޓީމް ހޯފާދައިވަނީ ފޭ ދޫ ވޮލީ ކޯޓްގައި ކުޅެވުނު ފައިނަލްމެޗްގައި 2 ސެޓް 1 ސެޓުން ފޭދޫ ބަލިކޮށްފައެވެ. މިމުބާރާތުގެ ފައިނަލްމެޗް ފިޔަވައި އެހެން މެޗްތައް ކުޅެފައިވަނީ 10 ޕޮއިންޓުން ސެޓް ނިމޭގޮތަށެވެ. އަދި ފައިނަލް މެޗް ކުޅެފައިވަނީ 15 ޕޮއިންޓުން ސެޓް ނިމޭގޮތަށެވެ.
ވޮލީ މުބާރާތްވެސް ކުރިއަށް ގެންގޮސްފައިވަނީ ޓީމެއްގައި ދެ އަންހެން ކުޅުންތެރީން ހިމަނައިގެން ރޮޓޭޝަން ފައުލްތައް ނުބަލާގޮތަށެވެ. .
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ވޮލީބޯޅައިގެ ފައިނަލްމެޗްގެ ފުރަތަމަ ސެޓް ހޯދީ ހުޅުދޫ ޓީމުންނެވެ. އެހެންނަމަވެސް ދެވަނަ ސެޓް ފޭދޫޓީމް ހޯދުމުން ފައިނަލްމެޗް ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. އެހެން ނަމަވެސް 3 ވަނަ ސެޓް ހުޅުދޫ އަވަށު އޮފީހުގެ ޓީމުން ހޯދާ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުންވަނީ ހޯދާފައެވެ
ފުޓްބޯޅަ މުބާރާތާއި ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވި ހުޅުދޫ ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރީންނާ ވާދަކުރޭ ވަރުގެ އެހެން ޓީމެއް މިމުބާރާތުގައި ބައިވެރިވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލް ކޮންމެ އަވަށު އޮފީހަކުން ކޮންމެ މުބާރާތެއްގައި ޓީމެއް ބައިވެރިކުރާގޮތައް ތަފާތު ކުޅިވަރު މުބާރާތްތަކެއް ބާއްވަމުންދާއިރު މިމުބާރާތްތަކުގެ ކުޅުން ފެށިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
މި ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ކޮންމެވެސް އެއް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހުޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިގަ ތަޅާ މުބާރާތް މާދަމާ ހުޅުދޫގައި އޮންނާނެއެވެ.
މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ކުއްލިއާ މުބާރާތެވެ.