ޕެނަލްޓީ ޝޫޓްއައުޓްގައި އިސްމާއީލް އަލަފް ކާމިޔާބުކުރި ޕެނަލްޓީން ވަރުގަދަ ހުޅުދޫ އެފްސީ ބަލިކޮށް ހިތަދޫ އެސްކޭޕީ ޔުނައިޓެޑް ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ހުޅުދޫ އެފްސީއާއި ހިތަދޫ އެސްކޭޕީ ޔުނައިޓެޑާއި ދެމެދު ރޭ ކުޅެވުނު ފޯރިގަދަ ސެމީފައިނަލް މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައިވަނީ ހުޅުދޫ އެފްސީންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހުޅުދޫ ޓީމްގެ ކުޅުންތެރީނަށް މެޗް ނިމިގެން ދިޔައިރުވެސް ނުކުރެވުނެވެ. މުޅިމެޗްގައިވެސް ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ އެސްކޭޕީ ޔުނައިޓެޑަށް މިމެޗްގައި ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ނުލިބޭކަން ފާހަގަކޮށްލަންޖެހެއެވެ.
ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އޮތީ 0-0 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނެލްޓީ ޖެހި ޖެހުމުގައި ހުޅުދޫ އެފްސީގެ 4 ކުޅުންތެރީން ޖެހި ޕެނަލްޓީވެސް ގޮސްފައިވަނީ ބޭރަށެވެ.
މިމެޗްގައި އެސްކޭޕީ ޔުނައިޓެޑުންވެސް ފުރަތަމަ ޖެހި 3 ޕެނަލްޓީ ގޮސްފައިވާނީ ބޭރަށެވެ. އެޓީމަށް މިމެޗްގައި ކާމިޔާބުކުރެވުނީ އެޓީމުން ޖެހި 4 ވަނަ ޕެނަލްޓީއެވެ. މިޕެނަލްޓީ ކާމިޔާބުކޮށް އެޓީމު ފައިނަލަށް ގެންގޮސްދިނީ އެޓީމްގެ އިސްމާއީލް އަލަފްއެވެ.
މިމެޗުން އެސްކޭޕީ ޔުނައިޓެޑް މޮޅުވެ ފައިނަލަށް ހޮވުނުއިރު ފައިނަލްގައި އެޓީމާ ބައްދަލުކުރާނީ ހިތަދޫ މައިލޯސީޓީއެވެ.
ރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްކޭޕީ ޔުނައިޓެޑް ފައިނަލަށް ގެންގޮސްދިން ޕެނަލްޓީ ކާމިޔާބުކޮށްފައިވާ އިސްމާއީލް އަލަފްއެވެ.