އިންޑިއާއިން 2،000 ރުފީސްގެ ނޫޓުތައް ދައުރުކުރުން ހުއްޓާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ގައުމުން 2،000 ރުޕީސްގެ ނޫޓުތައް ދައުރުކުރުން ހުއްޓާލުމަށްޓަކައި އެ ނޫޓުތައް އެހެން ފައިސާގެ ނޫޓުތަކަށް ބަދަލުކުރަން ވަނީ ފަށާފައެވެ. މި ނޫޓުތަކަކީ 2016 ވަނަ އަހަރު އިންޑިއާ ސަރުކާރުން 500 ރޫޕީސްގެ ނޫޓުތަކާއި 1000 ރުޕީސްގެ ނޫޓުތައް ދައުރުކުރުނަށް ހުއްޓާލުމަށް ފަހު ތައާރަފުކުރި ނޫޓުތަކެކެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ނިންމެވުމަކީ ކަޅު ފައިސާ ހުއްޓުވުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނީ އެ ނިންމުމުގެ ނަތީޖާ ހާސިލްނުވި ކަމަށެވެ.
މިހާރު ދައުރުވަމުން ދާ 2،000 ރުފީސްގެ ނޫޓުތައް ބަދަލުކުރެވޭނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ގައުމުން ބުނެއެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން ބުނީ އިންޑިއާގެ އެންމެ ބޮޑު އަގުގެ ނޫޓު ކަމަށްވާ 2،000 ރުޕީސްގެ ނޫޓު ދައުރު ކުރުން ހުއްޓާލި ނަމަވެސް އަދިވެސް އެއީ ގާނޫނީ ގޮތުގައި ބަލައިގަންނާނެ ނޫޓުތަކެއް ކަމަށެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބޭނުންވަނީ މިފަދަ ގިނަ ނޫޓުތައް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބަދަލުކުރަން ނުވަތަ ބޭންކުތަކަށް ޖަމާކޮށް، ދައުރުވުން ހުއްޓުވުމެވެ. މި ނޫޓުތައް ބަދަލުކުރަން ދީފައިވާ މުއްދަތު ހަމަވި ނަމަވެސް އެކި ކަހަލަ މުއާމަލާތްތަކަށް އެ ނޫޓުތައް ބޭނުން ކުރެވޭނެއެވެ.
އިންޑިއާއިން މިހާރު ވަނީ 2،000 ރުޕީސްގެ ނޫޓު ނުނެރުމަށް ބޭންކުތަކަށް ވެސް އަންގާފައެވެ. މި ބަދަލާއެކު ގިނަ ބަޔަކު ބޭންކަށް ގޮސް ކުރާ މުއާމަލާތްތައް އިތުރުވާނެ ކަމަށް ލަފާކޮށް ބޭންކުތަކުގައި އެކަމަށް މުވައްޒަފުންނާ ކައުންޓަރުތައް ޚާއްސަ ކުރުމަށް މަރުކަޒީ ބޭންކުން ވަނީ ބޭންކުތަކަށް އަންގާފައެވެ.
މި އިއުލާނާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިއީ 2016 ވަނަ އަހަރުގެ ޑީމަނެޓައިޒޭޝަންގެ ހަނދާންތައް އާ ކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެގައުމުން ވަނީ 500 އާއި 1000 ރުޕީސްގެ ހުރިހާ ނޫޓަކީ ސައްހަ ނޫން ނޫޓުތަކެއް ކަމަށް ކަނޑައަޅައި އެ ނޫޓުތައް ޑީމަނެޓައިޒް ކޮށްފައެވެ. އެ ފައިސާ ބަދަލު ކުރަން ރައްޔިތުންނަށް ދިނީ ހަތަރު ގަޑިއިރުގެ މުއްދަތެކެވެ.
އެއާއެކު މުއްދަތު ހަމަވުމުގެ ކުރިން 500 އާއި 1000 ރުޕީސްގެ ނޫޓު ބަދަލުކުރަން މީހުން އަވަސްވެ، ބޭންކުތަކުގެ ބޭރުގައި ދިގު ކިޔޫތަކެއް ދަމާލިއެވެ. އޭޓީއެމް ކިޔޫތަކުގައި އިންތިޒާރު ކުރަމުން ދަނިކޮށް މީހުން ހޭނެތިގެން ރިޕޯޓު ކޮށްފައިވާއިރު އެ ކިއުތަކުގައި ތިބި ބައެއް މީހުން މަރުވެގެން ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އޭރު ބާތިލްކުރި ނޫޓުތަކުގެ ބަދަލުގައި ދޫކުރީ 500 އާއި 2000 ރުޕީސްގެ އާ ނޫޓުތަކެވެ. އާންމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ މި ފަހަރު އެ ނޫޓުތައް ބާތިލުނުކުރާނެ ކަމުގެ ޔަގީން ކަން ދީފައެވެ.
ސަރުކާރުގެ މި އިއުލާނާ އެކު ޕެޓްރޯލް ސްޓޭޝަންތަކާއި ފިހާރަތަކުން ފައިސާ ދައްކާ މީހުން 2،000 ރުފިޔާގެ ނޫޓު ބޭނުންކޮށްގެން އެ ނޫޓްތަކުން ސަލާމަތްވުމަށް ފައިސާ ދައްކަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މަސްދަރު: ސަން