ކޮރަލް ފެސްޓިވަލްއަށް ނަޝީދު އައްޑުއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބުދަދުވަހުގެ ރޭގެ ވަގުތެއްގައި އައްޑުއަށް ވަޑައިގެންފިއެވެ.

ނަޝީދު އައްޑުއަށް ވަޑައިގެންފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިއުޓުން ބާއްވާ ކޮރަލް ފެސްޓިވަލް ޝަރަފްވެރި ކޮށްދެއްވުމަށެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިއުޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިންސްޓިޓިއުޓުން، މިއަހަރުގެ ކޮރަލް ފެސްޓިވަލް އައްޑު ސިޓީގެ ހިތަދޫގައި ބޭއްވުމަށް ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއާއެކު ޕާޓްނާޝިޕް ހަދާފައިވާކަމުގައެވެ.

މި ޕާޓްނަރޝިޕުގެ ދަށުން މިއަހަރުގެ ކޮރަލް ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުގެ ތިބުމާއި ކެއިންބުއޮމުގެ ހުރިހާކަމެއް ބެލެއްހެއްޓުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގާ އީކުއޭޓަރ ވިލެޖް ރިސޯޓުންނެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިއުޓުން ބުނެފައިވަނީ މިއަހަރުގެ ކޮރަލް ފެސްޓިވަލްގައި ދުނިޔޭގެ ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ބައިވެރިވާނެއެވެ. އޭގެ އިތުރުން ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުގެ އިތުރު ސިޔާސީ ލީޑަރުންވެސް މި ފެސްޓިވަލްގައި ބައިވެރިވާނެކަމަށްވެސް ބުނެފައި ވެއެވެ.

މި ފެސްޓިވަލް ކުރިޔަށް ދާއިރު، މިއުޒިކާއި، ދިވެހި ކެއުމާއި އަދި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައްވެސް ފެސްޓިވަލުގައި ކުރިޔަށް ގެންދާގޮތަށް ވަނީ ހަމެޖެހިފައެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބޭއްވި ފުރަތަމަ ކޮރަލް ފެސްޓިވަލް ބާއްވާފައިވަނީ 2020 ވަނަ އަހަރު ކ. ތުލުސްދޫގައެވެ.

Next: ޕްލާސްޓިކް މަދު ކުރެވޭނީ އުގޫބާތެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑު ކޮށްގެން: ނަޝީދު