ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްސަ

ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި ޓިވެޓް ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާރާތްކުރާ ތަނެކެވެ.

މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިމަހުގެ 27ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތްކޮށް ހިންގާ ތަނެކެވެ. ފުވައްމުލަކުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުން 30،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު، މިނިސްޓްރީގެ ހުއްދައާއެކު ޑިޒައިން ބަދަލު ކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. މިޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ޓިވެޓް އިންސްޓިޓިއުޓްގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި ބިމުގައި އިތުރު ވިޔަފާރީ ހަރަކާތްތައް ތަރައްޤީކުރުމުގެ ފުރުޞަތުވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އިންސްޓިޓިއުޓުގައި އެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.

Next: އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ