މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ދަތުރުތައް ކުޅުދުއްފުށި ސިޓީ އަށާއި އައްޑޫ ސިޓީއަށް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެމްއެސްއެސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވީ އެ ދެ މަންޒިލަށް ދަތުރު ފެށުމަށް، މަހެއްހާ ދުވަސް ކުރިން ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން މީގެ ކުރިން ވެސް އައްޑޫ ސިޓީއަށް ދަތުރުތައް ފަށައި، އެހެންނަމަވެސް އެ އޮޕަރޭޝަން ހުއްޓާލީ އެތަނުން އެވަރަށް މުދާ ނުލިބޭތީ ފީޒިބަލް ނޫންވެގެން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ އަލަށް ހޯދާ ބޯޓަކީ ކުރިން ބޭނުންކުރި ބޯޓަށްވުރެ ކުޑަ އަދި އެ ސަރަހައްދުގައި އޮޕަރޭޓްކުރުމަށް އެންމެ އެކަށީގެންވާ ބޯޓަކަށް ވާނެކަަމަށެވެ. އަދި މިފަހަރު ދަތުރު ފެށުމުގެ ކުރިން އެ ކުންފުނިން މިހާރު ހިސާބުޖަހާފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓް ކުރިއަށްދާނެކަމުގެ އުންމީދު މިފަހަރު އެބައޮތް ކަމަށާއި މިއީ އެ ދެ ސިޓީގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ޕްރޮކެޖްޓަކަށް ވެގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު މި ބަލަނީ އެހެން މޮޑެލްއެއްގައި އޮޕަރޭޝަން ހިންގަން. އެ އޮޕަރޭޝަން ފަށަންވެގެން އައްޑޫއާއި ކުޅުދުއްފުއްޓާއި ދެ ބަނދަރަށް ކޭޓަރ ކުރެވޭނެކަހަލަ އެހެން ބިޒްނަސް މޮޑެލްއެއްގައި ފެށުމަށް މަސައްކަތްތަކެއް މިހާރު މިދަނީ ކުރަމުން.”
ނާޒިމް ވިދާޅުވިއެވެ.
މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖެ ގެންނަ ބޯޓު ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި ދަތުރުތައް ފެށުމާއިއެކު ދުނިޔޭގެ ކޮންމެ ތަނަކުން ވެސް އައްޑޫއަށް ނުވަތަ ކުޅުދުއްފުއްޓަށް މުދާ ބުކްކޮށްލެވޭނެ ކަމަށެވެ.
އެހެންކަމުން މާލެއިން ކުޅުދުއްފުއްޓަށް ނުވަތަ އައްޑޫއަށް މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ވިޔަފާރިވެރިން ބޭނުންވާ ކޮންމެ ޤައުމަކުން އެ ކުންފުންޏާއި ގުޅިގެން މުދާ ގެނެވޭނެ ކަމަށާއި އާންމު ގޮތެއްގައި މިހާރު މުދާ ގެންނަ ޤައުމުތަކަކީ ދުބާއީ، ބެންކޮކް، ސިންގަޕޯރ، މެލޭޝިއާ، ތައިލޭންޑް، ކުވެއިތު، އިންޑޮނޭޝިއާ އަދި ޗައިނާ ކަމަށް އެމްއެސްއެސް އިން ބުނެއެވެ.
އައްޑޫ ސިޓީއަށް ކުރީން ފެށި ދަތުރުތައް ހުއްޓާލީ އެތަނުން އެވަރަށް މުދާ ނުލިބޭތީ ފީޒިބަލް ނޫންވެގެން
ނާޒިމް ވިދާޅުވިއެވެ
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް އެމްއެސްއެސްއިން ދަތުރުތައް ވަނީ ކޮށްފައެވެ. ނަމަވެސް އެދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އައްޑޫން އެކަށީގެންވާ ތަރުހީބެއް ނުލިބޭތީއެވެ.
މި ދަތުރުތަކުގައި އެއިރު ބޭނުންކުރަމުންދިޔައީ 4000 ޓަނުގެ ބޯޓެކެވެ. ނަމަވެސް އައްޑޫ ވިޔަފާރިވެރިންގެ މުދާ ހިއްސާކުރަނީ އެންމެ 300 ޓަނު ކަމަށް އެމްއެސްއެސްއިން ބުނެއެވެ. ދެން ބާކީ އެ ކުންފުނިން އެއިރު ގެންނަމުންދިޔައީ އެސްޓީއޯގެ މުދަލާއި އަދި އައްޑޫގައި ހިނގަމުންދިޔަ ބައެއް މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ މުދަލެވެ.
ނަމަވެސް މަޝްރޫއުތައް ނިމުމާއިއެކު ޑިމާންޑް ވަރަށް ބޮޑަށް ދަށްވިއެވެ.