ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް އަޅާނެ ފިޔަވަޅެއްގެ ގޮތެއް ނުނިމުނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމަށް އަންގާރަ ދުވަހު ބޭއްވުނު އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ގޮތެއް ނުނިންމުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ “ފިކުރެއްގެ ދިރުމުގެ” މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ވަކިކޮށްދޭން ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ޕީޖީގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ.

މުއުނީ ހުށަހެޅުއްވި މައްސަލައަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ޕީޖީ ގްރޫޕްގެ ވަކި ގަވާއިދުތަކެއް އޮންނައިރު އެކަންކަމާއި ޚިލާފަށް ވަކިން ޕީޖީ ގްރޫޕެއް ހައްދަވައިގެން އަމަލުކުރަމުންދާތީ އެކަންކަން ބަލައި ފިޔަވަޅު އެޅުމަށެވެ

އަންގާރަ ދުވަހު ބޭއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ މިކަމައި ގުޅިގެން މަޝްވަރާކޮށްފައެވެ. ބައްދަލުވުމުގައި މެމްބަރުން ވަނީ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ސަރުކާރަށް ޖެއްސުންކޮށް ރައީސް ޞާލިހުގެ ކެމްޕެއިނަށް ހުރަސްއަޅައި ހިންގަމުންދާ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޕީޖީ ގްރޫޕްގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރުމަކީ ޖާގަދީގެން ނުވާނެ ކަންތައްތަކެއްކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެއްވެސް ގޮތެއް މިކަމަށް ނިންމިފައިނުވެއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިބައްދަލުވުމުގައި ގޮތެއް ނުނިންމުނީ ރައީސް ޞާލިހާއިވެސް މަޝްވަރާ ކުރުމަށްފަހު މިކަމުގައި ގޮތެއް ނިންމުމަށް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕާޓީގައި ދެ ފެކްޝަނެއް އޮތްއިރު، ނަޝީދާ އެކު ތިއްބެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޖުމްލަ 68 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނެވެ. ގިނަ މެމްބަރުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައެވެ.

Next: ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑްގެ ނަން ބަދަލުކޮށްފި