ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑްގެ ނަން ބަދަލުކޮށްފި

ވިލާ ކުންފުނީގެ ދަށުން ހިންގަމުންދިޔަ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ނަން ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން “ވިލާ ރިސޯޓްސް”އަށް ބަދަލުކޮށް އެކުންފުނިން ހިންގަމުން އަންނަ ޕެރަޑައިސް ރިސޯޓްގެ ނަން “ވިލާ ނޮޓިކާ” އަށް އަދި ސަން އައިލެންޑްގެ ނަން “ވިލާ ޕާކް” އަށް ވަނީ ބަދަލުކޮށްފައެވެ.

ވިލާ ކުންފުނީގެ ދަށުން ފަސް ރިސޯޓެއް ހިންގާއިރު، ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ސަން އައިލެންޑް ހިންގަނީ ވެސް އެކުންފުނިންނެވެ. އެކުންފުނިން ހިންގާ ރިސޮޓުތަކުގެ ތެރޭގައި ސަން އައިލެންޑުގެ އިތުރުން ޕެރަޑައިސް އާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓް އަދި ރޯޔަލް އައިލެންޑް ރިސޯޓް ހިމެނެއެވެ.

ވިލާ ކުންފުނިން ހިންގާ ހޮލިޑޭ އައިލެންޑް ރިސޯޓު އެންޑް ސްޕާ އަލުން ތަރައްގީ ކުރުމަށްޓަކައި އެރިސޯޓު ބަންދުކޮށްފައިވާއިރު އެ ރިސޯޓު “ވިލާ ހެވަން” ގެ ނަމުގައި މި އަހަރުގެ ފަހުކޮޅު ހުޅުވަން ވަނީ ނިންމާފައެވެ. އަދި އެކުންފުނީގެ ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ވެސް ތަރައްގީކުރުމަށް ފަހު 2027 ގައި ހުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ވިލާ ވިލެޖަށް ބަދަލުކޮށް 2025 ވަނަ އަހަރު ހުޅުވުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ

Next: ވިސާ ނުލިބުމުން ސަފާ ގްރޫޕުގެ އުމްރާ ދަތުރު ކެންސަލް ކޮށްފި