ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއަކީ މާބައިދޫ ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މާބައިދޫ ކައުންސިލުގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މާބައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމު އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ، އަހުމަދު ސައީދު އެވެ.
ފެނަކަ އިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއަށް ގާތްގަނޑަކަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އައިސްޕްލާންޓު ގާއިމުކޮށް ނިންމައި ފެނަކައިން އެ ތަން 10 އަހަރުގެ މުއްދަތަކަށް ހިންގަން ވަނީ އެއްބަސްވެފަ އެވެ. އަދި އައިސް ޕްލާންޓުގެ ޕްރޮޑަކްޝަން ކެޕޭސިޓީގައި 25 ޓަނު ހުންނާނެ ކަމަށާއި ސްޓޯރޭޖް ކެޕޭސިޓީގައި 50 ޓަނު ހުންނާނެ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ބުނީ މި އައިސް ޕްލާންޓް ތަރައްގީކުރުމާއެކު، ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ގިނަ ސަރަހައްދުތަކުގައި ދަތިކަމެއްނެތި ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދިނުމުގައި މިހާތަނަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކުން އަރައިގަނެ، މަސްވެރިން ލުއިފަސޭހަ ވެގެންދާނެ ކަމަށެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ރަށުގެ އުމްރާނީ ތަރައްގީއަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ފެނަކައަށް މާލީ ގޮތުން ލިބޭ ނަފާ އިތުރުވުމުގެ އިތުރުން މިއީ މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގްތިސާދަށް ކޮށްދެވޭ މުހިއްމު މަސައްކަތެކެއް ކަމަށް އެކުންފުނިން ބުންޏެވެ.