އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން މަޝްވަރާ ކުރަން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުން އެގޮތަށް ނިންމީ އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާއަށް އެދިވަޑައިގެން ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހު ފޮނުއްވި ސިޓީއާއި ގުޅިގެން ބޭއްވުނު މަޝްވަރާ ބައްދަލުވުމަށް ފަހުގަ އެވެ.
ރައީސް ސޯލިހުގެ ސިޓީއާއި ގުޅިގެން މަޝްވަރާކުރުމަށްފަހު އަދާލަތުން ނެރުނު ބަޔާނުގައި ބުނީ މިހާރު ހިނގަމުން އަންނަ ވެރިކަމުގައި ކުރީގެ ރިޔާސީ ދައުރުތަކާ އަޅާބަލާއިރު، މި ސަރުކާރުގައި ކުރެވުނީ ފަހި ތަޖުރިބާއެއް ކަމަށެވެ.
“ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޭއްވުނު ކުއްލި ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.”
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.