އެކީގައި ކުރިއަށްދާން ކޯލިޝަންގެ ބައިވެރިންނަށް ރައީސްގެ ސިޓީފުޅެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއިއެކު ކޯލިޝަނެއްގެ ތެރެއިން އެކީގައި ކުރިއަށް ދިއުމުގެ ދައުވަތު ރައީސް ޞާލިހުގެ ފަރާތްޕުޅުން ކޯލިޝަންގެ ޕާޓީތަކަށް ފޮނުވައިފިއެވެ.

2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ވެފައިވާ ކޯލިޝަނާއިއެކު ރައީސް ޞާލިހު ވެރިކަމުގެ ދައުލަރު ނިންމައި އާދައުރަކަށް ކުރިމަތި ލެއްވުމަށް އެމްޑީޕީގެ ފަރާތުން ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. ޓިކެޓް ހަވާލުކުރުމުގެ ކުރިން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ޞާލިހަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ދީފައެވެ.

މިއާއިއެކު ރައީސް ޞާލިހުގެ ދައުވަތު އެންމެ ފުރަތަމަވެސް ދީފައިވަނީ މިހާރުގެވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއަށެވެ. ރައީސް ޞާލިހު ސޮއިކުރައްވައި ޕާޓީތަކަށް ފޮނުވި ސިޓީއާއިމެދު އެޕާޓީތަކުން އަމަލުކުރާނެ ގޮތެއް އަދި ހާމަ ނުކުރެއެވެ.

ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު ނުކުންނަވަން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ ޕާޓީތަކާއެކު މަޝްވަރާ ކުރައްވަން ރައީސް ސޯލިހު އެދިވަޑައިގެންފައިވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއަކުން އަދި ރައީސް ޞާލިހަށް ތާއީދުކުރިކަން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ރައީސް ޞާލިހުގެ ފަރާތްޕުޅުން ރޭ ވަނީ ޤާސިމް އިބްރާހިމްއާއިވެސް ބައްދަލުކޮށްފައެވެ.

2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދެވި ކޯލިޝަން ސަރުކާރަކާއެކުއެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްދީޕީގެ އިތުރުން އަދާލަތު ޕާޓީއާއި، އެމްއާރްއެމްއާއި، ޖުމްހޫރީ ޕާޓީއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ވަނީ ކޯލިޝަން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ސަރުކާރެއްގައި މިހާތަަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ސަރުކާރުވެސް މެއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ކޯލިޝަނެއް ސަރުކާރު ނިމުމާއި ހަމައަށް ދެމިގެން ގޮސްފައެއްނުވެއެވެ. ނަމަވެސް މި ސަރުކާރަކީ މިހާ ދިގުމުއްދަތަކަށް ކޯލިޝަން ދެމި އޮތް ހަމައެކަނި ވެރިކަމެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.

ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.

Next: “ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި