ގދ ތިނަދޫއަށް ސިޓީގެ ދަރަޖަ ދޭން ފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ގާފުގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދޭން އެމަނިކުފާނަށް ފެންނަ ކަމަށާއި އެދަރަޖަ ދޭން ކޮންމެހެން އާބާދީއާއި ގުޅުވާކަށް ނުފެންނަ ކަމަށެވެ. އެގޮތުން އާބާދީއާއި ގުޅުވުމަށްފަހު ސިޓީގެ ދަރަޖަ ދިނުމުގައި ބަލަން ޖެހެނީ އުފެއްދުންތެރިކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ./
ނަޝީދު ވިދާޅުވީ 1950ގެ އަހަރުތަކުގައި ތިނަދޫ ފަޅުކުރި ނަމަވެސް އޭގެ 50 އަހަރުފަހުން އަނެއްކާވެސް ތިނަދޫ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ވަރުގަދަ ރަށަށް ކަމަށެވެ. އެގޮތުން ތިނަދޫގެ އާބާދީވެސް ބޮޑު ކަމަށާއި އިގްތިސާދުވެސް ވަރުގަދަ ރަށަކަށް ވުމުން ފެނިވަޑައިގަންނަވަނީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ
“އިރާދަކުރެއްވިއްޔާ މަޖިލީހުން އިސްލާހެއް އަޅުގަނޑު ގެންނާނަން. ގެނެވޭތޯ މަސައްކަތް ކުރާނަން. އެއީ އިގްތިސޯދީ ހަރަކާތަށް ބަލަން ޖެހޭނެއޭ ސިޓީއަކަށް ބަދަލުވާއިރު. އާބާދީ އަށް އެކަންޏެއް ނޫނޭ. އުފެއްދުންތެރިކަން މިވެނި މިންގަޑެއްގައި ހުރެއްޖެއްޔާ އެއީ ސިޓީގެ ދަރަޖަ ދިނުމުގައި ކުރަން ޖެހޭނެ ކަމެއް ގޮތުގައި”
ނަޝީދު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށްޓަކައި ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން އިސްލާހު ގެންނަވާނީ ސިޓީގެ ދަރަޖަ ދިނުމުގައި އިގްތިސާދަށް ބަލަން ޖެހޭނެ ގޮތަށް ކަމަށާއި މި އިސްލާހުގައި އިގްތިސާދަށް ބެލުމުގެ ގޮތުން އެފެއްދުންތެރިކަން ހުރި ވަރު ބެލުން ހިމަނާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މިކަންކަން ތިނަދޫގައި ފުރިހަމަ ވެފައިވާތީ ތިނަދޫ ސިޓީއަކަށް ބަދަލުވާން ޖެހޭކަން ނަޝީދު ވަނީ ނިންމާލުމުންވެސް ތަކުރާރު ކުރައްވާފައެވެ.
ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ސަރުކާރުން ވެސް އަންނަނީ ސިޓީގެ ދަރަޖަ ދިނުމަށްޓަކައި ގަނޫނަށް ގެނެވެން ހުރި އިސްލާހުތަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެލްޖީއޭއާއި ސަރުކާރާއި އެކު ދަނީ އެމަޝްވަރާތަށް ކުރަމުންނެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލަކު މީގެ ކުރިން މި ނޫހަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށްޓަކައި މިދައުރުގެ ތިނަދޫ ކައުންސިލުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކައުންސިލް އިސްވެ އޮވެ ވަނީ މަޖިލީހަށް ގަރާރެއްވެސް ފޮނުވާފައެވެ. ސިޓީގެ ދަރަޖަ ދިނުމުގައި މިހާރު އޮތް ގާނޫނު ބުނާގޮތުން ނަމަ އެދަރަޖަ ދެވެނީ 10،000 މީހުންގެ އާބާދީ އޮތް ރަށްތަކަށެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގެ އާބާދީ މިވަގުތު އުޅެނީ 6000 އާއި ގާތް ކުރާ އަދަދެއްގައެވެ.
މަސްދަރު: ގާފު އެމްވީ