އައްޑޫ ސިޓީ މީދޫގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފިއެވެ.
މުދިމު މުހައްމަދު ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީނު މިސްކިތުގައި ސެޕްޓެމްބަރ 2 ވީ ހުކުރު ދުވަހު ހުކުރު ޚުޠުބާ އައްޑޫބަހުން ކިޔައިގެންނެވެ.
މިކަމާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް އޭރު ވިދާޅުވީ އައްޑޫ ސިޓީ މުދިމަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
“ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށް ޓަކައި ޚަތީބަކު ވަނީ ހުކުރު ކުރުމުން ސަސްޕެންޑް ކުރެވިފައި،”
އަފްރާހް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން މުޙައްމަދު ރަޝީދު ބުނެފައިވަނީ އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި, ބިދޭސީންކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ޚުޠުބާ ކިޔުމަކީ މުހިންމުކަމަކަށް ދެކޭތީ ކަމަށެވެ.
ނަމަވެސް ޚުޠުބާގެ ޢިބާރާތްތަކަށް ބަދަލެއް ނުގެންނަކަމަށް އޭނާ ބުންޏެވެ.
ގާތްގަޑަކަށް 3 މަސް ދުވަސްވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު އެސަސްޕެންޝަން އުވާލުމުން މިއަދު މުހައްމަދު ރަޝީދު އިމާމުވެ ހުކުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ރަޝީދު މިއަދު އިމާމުވެ ހުކުރު ކުރައްވާނީ ހުޅުދޫ ވަހުދާ މިސްކިތުގައެވެ.