އިތުރުވަގުތުގައި ޖެހި ދެލަނޑާއެކު އިރާނުން ވޭލްސް ބަލިކޮށް ގަތަރު ވޯލްޑްކަޕް 2022 ގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ހުކުރު ދުވަހު ހަވީރު ކުޅެވުނު މިމެޗު އިރާނުން ކާމިޔާބުކުރީ 2 – 0 ގެ ނަތީޖާއަކުންނެވެ. 10 މީހުންނާއެކު ކުޅުނު ވޭލްސް ކޮޅަށް އިރާނުން ޖެހި ދެގޯލު ވެސް ކާމިޔާބުކޮށްފައިވަނީ އިތުރުވަގުތުގެ ތެރޭގަ އެވެ.
ގިނައިރު ބޯޅަ ހިފަހައްޓައިގެން ވޭލްސްއިން ކުޅުނު ނަމަވެސް އިރާނުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާ ވޭލްސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރު ހެނެސީއަށް ވަނީ އިރާނުން ކުރި އެޓޭކްއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކުޅުންތެރިޔާ މޫނުގައި ފައިން ޖެހުމުން ރީނދޫ ކާޑެއް ދައްކާފަ އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ އޭނާ ރަތް ކާޑެއް ދެއްކީ އެވެ.
މެޗްގެ 90 މިނިޓްގެ ކުޅުން ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވިނަމަވެސް އިތުރުވަގުތުގެ 8 ވަނަ މިނެޓުގައި އިރާނުގެ ރޫޒްބޭ ޗެޝްމީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު އޭގެ ތިން މިނެޓުފަހުން ތަރޭމީ ވަނީ އިރާނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްމެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މިމެޗުގެ ކުރިން އިރާނާއި ވޭލްސް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. 1978 ވަނަ ކުޅެވުނު މެޗު 1 – 0 ން ކާމިޔާބުކުރީ ވޭލްސްއިންނެވެ. އަދި ވޭލްސްއިން އެޓީމުގެ ތާރީހުގައި އޭޝިއާ ޓީމަކާ 7 ފަހަރު ބައްދަލުކޮށްފައިވާއިރު އެޓީމު މީގެކުރިއަކުން އޭޝިއާގެ ޓީމެއް އަތުން ބަލިވެފައެއް ނުވެ އެވެ. 5 މެޗުން މޮޅުވިއިރު 2 މެޗުން ވަނީ އެއްވަރުވެފަ އެވެ.