އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ފުރަތަމަ މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސިއްހީމަރުކަޒު ޓީމް ހުޅުދޫ ޔޫތު ޓީމް އަތުން ހައިރާންކުރުވަނި ގޮތަކަށް ބަލިވެއްޖެއެވެ.
އިއްޔެ ހަވީރު ހުޅުދޫ ޓާފް ދަނޑުގައި ކުޅެވުނު ގްރޫޕް ބީގެ މިމެޗް ހުޅުދޫ ޔޫތު ކާމިޔާބުކޮށްފައިވަނީ 29 ޕޮޓް 22 ޕޮޓުންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު ޓީމްގެ ހައްވާ ޝިޔާ ޝަރީފްއެވެ.
އިއްޔެގެ މިމެޗުން ސިއްހީ މަރުކަޒުގެ ޓީމް ބަލިވުމުން މިގްރޫޕްގައި ހިމެނޭ 3 ޓީމުވެސް 1 މެޗުން މޮޅުވެފައިވާތީ 3 ޓީމުވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވުމުން މިގްރޫޕްގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ހޮވާފައިވަނީ ކޮންމެ ޓީމަކުންވެސް ހޯދާފައިވާ ޕޮޓްތަކަށް ބަލައިގެންނެވެ.
މިގޮތުން ދެމެޗުން 58 ޕޮޓް ކާމިޔާބުކޮށްފައިވާތީ މިގްރޫޕްގެ 1 ވަނަ ޓީމަކަށް ހޮވުނީ މިފްކޯއެވެ. ދެމެޗުން 55 ޕޮޓް ހޯދާފައިވާތީ މިގްރޫޕްގެ ދެވަނަ ޓީމަކަށް ހޮވުނީ ހުޅުދޫ ޔޫތެވެ. 49 ޕޮޓް ހޯދައިގެން މިގްރޫޕްގެ 3 ވަނަ ޓީމަކަށް ހޮވުނީ ސިއްހީމަރުކަޒުގެ ޓީމެވެ.
މިގްރޫޕުން މިފްކޯ އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވުމުން އެޓީމް ސެމީފައިނަލަށް ހޮވިފައިވާއިރު ދެވަނަ ލިބުނު ޔޫތާއި 3 ވަނަ ލިބުނު ސިއްޙީމަރުގެ ޓީމް ހޮވުނީ ޕްލޭ އޮފް މެޗަށެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޔޫތު ޓީމްގެ ހައްވާ ޝިޔާ ޝަރީފް
ޕްލޭ އޮފް މެޗްގައި ސިއްހީމަރުކަޒު ބައްދަލުކުރަން ޖެހެނީ ގްރޫޕް އޭގެ ދެވަނަ ޓީމަކަށް ހޮވުނު ފެނަކަ ޓީމާއެވެ.
ހުޅުދޫ ޔޫތު ޕްލޭ އޮފް މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އޭ ގްރޫޕްގެ 3 ވަނަ ޓީމަކަށް ހޮވުނު މީދޫ ވެރިއަސް އާއެވެ.
ސިއްހީމަރުކަޒާއި ހުޅުދޫ ޔޫތު ބައްދަލުކުރި މެޗްގެ ތެރެއިން
ޕްލޭ އޮފްގެ ދެމެޗް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ޕްލޭ އޮފްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެނަކައާއި ސިއްހީ މަރުކަޒު ބައްދަލުކުރާމެޗެވެ. މިމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 3:45 ގައެވެ.
ޕްލޭ އޮފްގެ ދެވަނަ މެޗްގައި ހުޅުދޫ ޔޫތާއި މީދޫ ވެރިއަސް ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 4:45 ގައެވެ.