އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާން ނޮމިނޭޓުކޮށްފައިވާ ގޮފިތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ މާދަމާ ފަށަން ހަަމަޖެހިފައިވާ އެޕާޓީގެ ކޮންގްރެސް ނުފަށާ ލަސްކޮށްދިނުމަށް އެދިއްޖެ އެވެ.
ކޮންގްރެސް ފަސްކޮށްދިނުމަށް އެދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު އަލީ އާޒިމް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ގޮފިތަކުގެ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއި މެދު އެޕާޓީގެ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.
“ކޮންގްރެސްއަށް ނޮމިނޭޓުކޮށްފައިވާ ގޮފިތަކުގެ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއިމެދު، މި ޕާޓީގެ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުންނާއި ނައިބުރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކޮށްފައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދި ދަންނަވަމެވެ.”
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް، އާޒިމް ފޮނުވި ސިޓީގައި ވެއެވެ.
އެ ސީޓީގައި ބުނެފައިވަނީ، ގޮފިތަކުގެ ހިންގާ ކޮމެޓީ އެކުލަވާލަންޖެހެނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބެއް ބާއްވައިގެން ކަމަށްވާއިރު، ކޮންގްރެސްއަށް ނޮމިނޭޓުކޮށްފައިވާ ގިނަ މަންދޫބުންނަކީ އެ ގަވާއިދާއި އެއްގޮތަށް އައްޔަނުވެފައިވާ މަންދޫބުން ނޫންކަމަށް ސިޓީގައި ވެއެވެ.
އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރަން މަންދޫބުންގެ މައުލޫމާތުތައް ވެސް ހިއްސާކޮށްފައި ނުވާތީ އެފަރާތްތަކުން ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއިމެދު ސުވާލު އުފެދުމުގެ ޖާގަދެވިގެންދާނެ ކަަމަށް ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަން ކަށަވަރުކުރުމަށް ކޮންގްރެސް ފަސްކޮށްދިނުމުގެ އިތުރުން ކޮންގްރެސްއަށް ގޮފިތަކުން މަންދޫބުން އިންތިހާބުކުރި ގޮތާއި އެ މަންދޫބުންގެ މައުލޫމާތުތައްވެސް ހިއްސާކޮށްދިނުމަށް އާޒިމްގެ ސިޓީގައި އެދިފައިވެއެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވާގޮތަށް މީގެ ކުރިން އޮތީ މިމަހުގެ 19 އިން 21 އަށެވެ
މަސްދަރު: ސީއެންއެމް