ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަ ދެއްކެވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށާއި، އަދި އެގޮތަށް ދިމާވުމުން ވަޒީރުންގެ މަޖިލީހުގެ ބޮޑު ބައެއް ކުދި ޕާޓީތަކަށް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މި ދެންނެވި ކުދި ޕާޓީތަކަށް ގޮނޑި ލިބޭ މިންވަރު މަދުކަމަށާއި، އެގޮތަށް ދިމާވުމުން ވެރިކަމުގެ އޮނިގަނޑު ހަރާބުވާ ކަމަށެވެ. އަދި މިހާރު ނިކުންނަ ވެރިކަމުގެ އޮނިގަނޑުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ، މިހާރު ނިޒާމު އޮތްގޮތުން ކަމެއް ބޮޑުވެގެން ރައްޔިތުން ގުޅަނީ އެ ރައްޔިތުން ވޯޓުދީގެން ހޮވާ މެމްބަރަށް ކަމަށާއި، އެހެންނަމަވެސް ކަން ހިންގަން ތިބި ވަޒީރުންނަކީ އިންތިހާބުވާ ބަޔަކަށް ނުވުމުން ރައްޔިތުންނާ ވަޒީރުންނާ އޮންނަ ގުޅުން ކުޑަވާކަމަށެވެ.

އެމްޑީޕީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ”ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު“އަށް ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.

Next: ފޯނު ފޭރިގަތް މައްސަލައިގެ ތަފްސީލް ދެއްވަން ނަޝީދު ދެކޮޅު ހައްދަވައިފި