އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިއްޔެ މެންދުރު ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ފޯނު ޖަހައިގަތީ ރެސްޓޯރެންޓެއްގައި ދަރިކަނބަލުން މީރާ ލައިލާ ނަޝީދާއެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށެވެ.
ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށާއި, އޭނާއަށް ލާރިއެއް ދޭން އުޅެނިކޮށް ދެން ފެނުނީ ދުއްވައިގަތް ތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދާއެކު އެމްއެންޑީއެފްގެ ސެކިއުރިޓީ ގާޑެއް ހުރި ނަމަވެސް, ފޯނު ޖަހައިގަތް ވަގުތު ގާޑް އިނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައިކަމަށް ނަޝީދު ވިދާޅުވިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ގާޑް އިނީ ދަރިކަނބަލުންނާއެކު އެކަނި އިންނަވަން ބޭނުންފުޅުވާތީ އެކަމަށް އެދިވަޑައިގަތުމުން ކަމަށާއި, އެކަމުގައި ގާޑްގެ ކުށެއް ނެތްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.