ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

????????????????????????????????????

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ސިޓީއާއި މީދޫ ކްލަބް ލޮތާރި ބައްދަލުކުރާ މެޗް މިއަދު ހަވީރު އޮންނާނެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ  ފޯރިގަދަ ފައިނަލާ ހަމައަށް މިދެޓީމް އައިސްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗާއި ސެމީފައިނަލްގައި ކުޅުނު މެޗުވެސް ކާމިޔާބުކޮށް އެއްވެސް ޓީމެއްގެ އަތުން ބަލިނުވެއެވެ.   

ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލާ ހަމައަށް މިދެޓީމް ދަތުރުކުރި ނަމަވެސް މިއަދު ކުޅެވޭ  ފައިނަލްމެޗް އެއްވެސް ޓީމަކަށް ފަސޭހައެއް ވާނެކަމަށް ނުބެލެވެއެވެ.

 މިއަދުގެ މެޗްގައި ކްލަބް ލޮތާރި ޓީމްގެ ކުޅުންތެރީން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ކުޅުންތެރިއަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް މިހާތަނަށް ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ގޯލާ ރައްޓެހި މައިލޯ ސިޓީގެ ފޯވާޑް ހާޒިމް ފަހުމީ ހިފެހެއްޓުމެވެ.

މިމުބާރާތުގައި  ޑިފެންސްލައިނާއި އެޓޭކް ވަރުގަދަކޮށް ފެނުނު ކްލަބް ލޮތާރި ޑިފެންސް ލައިން ފޫއަޅުވާލާކަށް ގްރޫޕް ސްޓޭޖްގެ މެޗްތަކާއި ސެމީފައިނަލްގައި ގިނަ ގޯލްތަކެއް  ކާމިޔާބުކޮށްފައިވާ މައިލޯ ސިޓީގެ ކުޅުންތެރީނަށް  ފަސޭހަ ވާނެކަމަށް ނުބެލެވެއެވެ. އަދި ކްލަބް ލޮތަރީގެ ކީޕަރު ހުށިޔާރުކަން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ.

މިއަދުކުޅެވޭ ފައިނަލްމެޗްގައި ބައްދަލުކުރާ ދެޓީމްގެ ކުޅުންތެރީންނަށް ބަލާލާއިރު ގިނަ ކުޅުންތެރިންނަކީ އައްޑޫސިޓީގައި ބާއްވާ ފުޓްބޯޅައިގެ ގިނަ މުބާރާތްތަކަކުން ވެސް ފެންނަމުން އަންނަ ކުޅުންތެރިންތަކެކެވެ.

މިއަދުގެ  މެޗަށް ދެޓީމް  ނުކުންނައިރު ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

Next: މައިލޯ ސިޓީ ބަލިކޮށް މިނިވަން ކަޕްގެ  ޗެމްޕިއަންކަން ކްލަބް ލޮތާރިއަށް – މޮޅު ކުޅުންތެރިޔާއަށް ހާޒިމް ފަހުމީ