ފައިގެ ރީތި އަދި ލޫޅާފަތި ބައްޓަން ދައްކާލަން ހާއްސަކޮށް ބައެއް އަންހެންވެރިންގެ މެދުގައި ބާރު ސްކިނީ ޖީންސް ވަރެއް ނޯވެއެވެ. މިވައްތަރުގެ ޖީންސް ރާއްޖޭގައިވެސް ހުރިހާ ޒުވާނުންކަހަލަ ގޮތަކަށް ލައިގެން އުޅުނު ޒުވަސް މާޒީއަށްވެ އިހުގެ ޓްރެންޑަކަށް ވެއްޖެއެވެ.
އެކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ ނިމިގެންދިޔަ ފެޝަންވީކް ތަކުންނެވެ. ފަހުގެ ފެޝަން ޝޯތަކުން ސްކިނީއެއް ނުފެނި ފަޓުލޫނު ފެންނަން ފެށުމުންނެވެ. އެގޮތުން މަޝްހޫރު މޮޑެލުން ސްކިނީ ދޫކޮށްލުމަށްފަހު ފަޓުލޫނަށް އެނބުރި ދިއުމުން އެމީހުންގެ ފަހަތުން ފެޝަނަށް ލޯބިކުރާ އާންމު އެތައް ބަޔަކު ވަނީ ސްޓައިލް ބަދަލުކޮށްލާފައެވެ.
މަޝްހޫރު މީހުން އަޅާ ހެދުމަކީ ކިތަންމެ ބަލާލަން ހުތުރު ހެދުންތަކަކަށްވީނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އެއީ އޭރެއްގެ ފެޝަން ޓްރެންޑެވެ. މިހާރުގެ ފެޝްން ޓްރެންޑްތައް ސްކިނީ ޖިންސަށް ނޫނެކޭ ބުނެ ފަޓުލޫނަށް ވައްޓާލާފައިވަނީ އެހެންވެގެން ކަމަށް ވެދާނެއެވެ.
ފައިކުރި ފުޅާ ފަޓުލޫނު ލުމަކީ އޭރުވެސް އެތައް ޒަމާނެއް ވަންދެން ގިނަ ބަޔަކަށް ކަމުދާ ގޮތަކަށްވާއިރު، ސްކިނީގެ އުމުރު ހީކުރިވަރަށްވުރެ ކުރުވާން ޖެހުނީ ވަރަށް ގިނަ ސަބަބުތަކާއި ހުރެ ކަމަށް ފެޝަންގެ ދާއިރާގައި މަސައްކަތްކުރާ މީހުން ޤަބޫލުކުރެއެވެ.
އެގޮތުން ފިރިހެނުންނާއި އަންހެނުން ބާރުކޮށް ސްކިނީފަދަ އެއްޗެހި ތިރިން ލުމަކީ ހަށިގަނޑަށް އެތައް ގިނަގުނަ ގެއްލުންތަކެއް ކުރުވާއެއްޗެއްކަން މީގެ ކުރިން ކުރިޔަށްގެންދިޔަ ގިނަ ދިރާސާތަކެއްގެ އަލީގައި ހާމަވެގެން ދިއުމަކީ އެކަމުގެ އެންމެ މައިގަނޑު އެއް ސަބަބު ކަމުގައި ސްޓައިލިސްޓުން ބުނެއެވެ.