ރާއްޖޭގެ އޮންލައިން ނޫހަކުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާ ގުޅޭ ދޮގު ހަބަރު ފެތުރިކަމަށް ބުނެ އެ ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާއާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސައްލެ މައްސަލަ ހުށަހެޅީ “ދިޔަރެސް” ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށެވެ.
މެމްބަރު ސަލީމް މި މައްސަލަ ހުށަހަޅާފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކެއްގެ ވާހަކަ ރިޕޯޓުކުރި އިރު މެމްބަރު ސަލީމް އާ ގުޅުވައި ސާބިތުނުވާ މައުލޫމާތު ފަތުރާފައިވާތީކަމަށް ބުނެއެވެ. އެގޮތުން ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި މޫނު ނުފެންނަ މީހާ އަކީ މެމްބަރު ސަލީމް ކަމަށް ބުނެ “ދިޔަރެސް” ނޫހުން މި މަހުގެ 25 ވަނަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މެމްބަރު ސަލީމް ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ހަބަރު ފެތުރީ އެއްވެސް ވަރަކަށް ކަމުގެ ހަގީގަތް ނުބަލާ ވީޑިއޯއިން ފެންނަ މީހާ އާ ސުވާލުވެސް ނުކޮށް ގަސްދުގައި އަގު ވައްޓާލަން ކަމަށެވެ. އެހެންވެ އެ މައްސަލާގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރަށް އެ ނޫހުން ލިޔެފައިވާ ހަބަރާއި ގުޅިގެން ސޯޝަލް މީޑިއާގަ އާއި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އޭނާގެ ވަކީލުންގެ ޓީމުން ކުރަމުން އަންނަ ކަމަށް ވެސް ސަލީމްގެ ބަޔާނުގައިވެއެވެ.